ސިޔާސީ

ނާއިބު ރައީސުންނަށް އިނާޔަތް ދިނުމަށް މެންބަރުން ފާސްކުރުމުން ރައްޔިތުން ރަތަށް!


ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ފަރާތްތަކަކީވެސް ޤައުމުގައި ޢިއްޒަތް ލިބިގެންވާ ބައެކެވެ. ޢާއްމު އެހެން ފަރުދުންނެކޭ އެބޭފުޅުންނާއި ތަފާތުތަކެއް ހުންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާ ބޭފުޅުންނަށް ލިބެންޖެހޭ ޚާއްސަ އިނާޔަތްތަކެއް ހުންނަންވާނެއެވެ. ނަމަވެސް ސުވާލަކީ ނާއިބު ރައީސްކަން ތިން ދުވަހަށް ކުރެއްވި ބޭފުޅަކަށްވެސް ހަމަ އެ އިނާޔަތް ލިބެންޖެހޭ ހެއްޔެވެ. އަދި ޖިނާޢީ ކުށެއް ސާބިތުވެފައިވާ ބޭފުޅަކަށްވެސް އެ އިނާޔަތްތައް ލިބެންޖެހޭ ހެއްޔެވެ.

ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން، ވެރިކަން ކުރަން ފެށި މި ކުރު މުއްދަތުގެ ތެރޭގައި މިހާތަނަށް ފަސް ބޭފުޅަކުވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއްވެސްމެއެވެ. އެއީ ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ނާއިބަކަށް އިންތިޚާބު ކުރެވުނު ޑރ. މުޙައްމަދު ވަޙީދެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ވެއްޓުމުން ވެރިކަމާއި ދެން ޙަވާލުވެވަޑައިގަތީ ރައީސް ވަޙީދެވެ.

އެމަނިކުފާނުގެ ނާއިބަކަށް ޢައްޔަން ކުރެއްވީ މުޙައްމަދު ވަޙީއްދީނެވެ. ރައީސް ވަޙީދުގެ ވެރިކަން ނިމި ދެން އައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމެވެ. އެ ވެރިކަމަކީ މިހާތަނަށް އެންމެ ގިނަ ނާއިބު ރައީސުން އެއް ވެރިކަމެއްގައިވެސް ފެނިގެންދިޔަ ވެރިކަމެވެ. އެމަނިކުފާނާއި އެކު އިންތިޚާބުވެވަޑައިގަތް ނާއިބު ރައީސަކީ ޑރ. މުޙައްމަދު ޖަމީލު އަޙުމަދެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުން މަޤާމުން ވަކި ކުރެވިގެންދިޔައެވެ. އަދި އޭގެފަހުން ނާއިބު ރައީސް ކަމަށް ޢައްޔަން ކުރެއްވީ އަޙްމަދު އަދީބު ޢަބްދުލްޤަފޫރެވެ. އެމަނިކުފާނަށް ޖިނާޢީ އެކިއެކި ތުހުމަތުތައް ކުރެވި، ހައްޔަރުކުރެއްވުމާއި އެކު ދެން ފެނިގެންދިޔައީ އެމަނިކުފާނުގެވެސް އިތުބާރު ނެތްކަމުގެ ވޯޓު ނެގި މަންޒަރެވެ. އަދި އޭގެފަހުން ނާއިބު ރައީސްކަން ކުރެއްވީ ޢަބްދުﷲ ޖިހާދެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ބިލު މަޖިލީހުން ދާދިފަހުން ފާސްކުރެއްވުމާއި އެކު މިއަދު އެކަމަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ރާއްޖޭގެ ޑިމޮކްރަސީގައި މިވީ ކުރު މުއްދަތުގެ ތެރޭގައި އެތައް ނާއިބު ރައީސުންނެއް ތިއްބެވިއިރު ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި އެ ހުރިހާ ނާއިބު ރައީސުންނަށް ދަޢުލަތުން އިނާޔަތާއި ރައްކާތެރިކަން ދޭކަށް ނުޖެހެއެވެ. މި ބިލު ފާސްކުރުމާއި އެކު ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ނާއިބު ރައީސްކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް ކޮންމެ މަހަކުވެސް އިނާޔަތެއްގެ ގޮތުގައި 35،000 ރުފިޔާ ލިބެންޖެހޭނެއެވެ. މިހާރު ތިއްބެވި ހަތަރު ނާއިބު ރައީސުންގެ މައްޗަށް މަހެއްގެ މައްޗަށް ދަޢުލަތުން 140،000 ރުފިޔާ ޚަރަދު ކުރަންޖެހޭނެއެވެ. އެއީ އަހަރެއްގެ މައްޗަށް 1،68000 ރުފިޔާއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް މިވަރު ލިބޭނީ ދަޢުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާ ނުކުރައްވާނެ ނަމައެވެ.

މި ބިލުގައި ބުނެފައިވާ ގޮތުގައި ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެ، ނިޙާއީ އެއްވެސް ޙުކުމެއް އައިސްފައިވާ މީހަކަށް ބިލުގައި ބަޔާންކޮށްފައިވާ އެއްވެސް އިނާޔަތެއް ނުލިބޭނެއެވެ. އެހެންކަމުން އެކިއެކި ކުށްތަކުގައި 33 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާ ކުރީގެ ނާއިބު ރައީސަކަށް މި ބިލުގައި މިހާރު ބުނެފައިވާ އެއްވެސް އިނާޔަތެއް ނުލިބޭނެއެވެ. މި ބިލުގައި ބުނެފައިވާ އިނާޔަތް މިހާރު ލިބޭނީ ނާއިބު ރައީސް ވަހީއްދީނަށާއި ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލަށާއި އަދި ހަމަ އެމަނިކުފާނުގެ ސަރުކާރުގައި ޢައްޔަން ކުރެއްވި ތިންވަނަ ނާއިބު ރައީސް ޢަބްދުﷲ ޖިހާދަށެވެ. އެއިން ކޮންމެ ބޭފުޅަކަށްވެސް މަހަކު 35،000 ރުފިޔާ ލިބިގެންދާނެއެވެ. އެ ތިން ބޭފުޅުންގެ މައްޗަށް މަހެއްގެ މައްޗަށް ދަޢުލަތުން 1،05000ރުފިޔާ ޚަރަދުކުރާނެއެވެ. އަހަރެއްގެ މައްޗަށް އެއީ 1،260000 ރުފިޔާއެވެ.

މިއީ މި ބިލު މަޖިލީހަށް ވެއްދި ފުރަތަމަ ފަހަރެއް ނޫނެވެ. މި ބިލު މީގެކުރިންވެސް މަޖިލީހަށް ވެއްދިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވީއިރުވެސް ބިލުގެ މަސައްކަތް ނުނިމި އޮތުމާއި އެކު ބިލު މަޖިލީހުން ބޭރުކޮށްލިއެވެ. އަދި ދެވަނަ ފަހަރަށް މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. ބިލު މަޖިލީހުގައި ފާސްކުރަން އޮތް ދުވަހު ބިލަށް ބަހުސް ކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް މަހެއްގެ މައްޗަށް 35،000 ލިބިގެން ނުވާނެ ކަމަށެވެ. އެ ޢަދަދަކީ ނާއިބު ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ބޮޑު ޢަދަދެއް ކަމަށް ބިލު ދިރާސާ ކުރުމަށް ނެގި ވަގުތީ ކޮމެޓީގެ މެންބަރުން ވިދާޅުވި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މި ބިލު މީގެ ކުރީ ބިލުތަކާ އަޅައިބަލާއިރުގައި ތަފާތުތަކެއް ހުންނާނެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރާ ބޭފުޅަކު ދައުލަތުގެ 3 އެހެން މަޤާމެއް އަދާކުރާ ނަމަ، މި ފައިސާއެއް ނުލިބޭނެ. އެހެންވީމާ، މިއީ މި ބިލަށް ގެނެވިފައިވާ ރަނގަޅު އިޞްލާޙެއް،" ރިޔާޒު ރަޝީދު ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގަ އި ފަނޑިޔާރުކަން ކޮށްފައި ތިބި ބޭފުޅުންނަށް ވެސް އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ވެސް، އެ ބޭފުޅުންގެ ކަރާމަތާއި އިއްޒަތް ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވަނީ. ކޮންމެވެސް ސަބަބަކާ ހުރެ ނައިބު ރައީސުން ގެ މައްސަލަ މި ހިސާބަށް އައިއިރު ވެސް އޮތީ ހަނދާނުން ކައްސައިލާ ފަ. ހަޤީޤަތުގައި މި ކަމަކީ މިއަދު ކުރަންޖެހޭ ކަމެއް ނޫން. ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން މި ގާނޫނު މިގޮތަށް އައި އްސަ އޮންނަންވާނީ،" މަރަދޫ ދާއިރާގެ މެންބަރު ޝަރީފު މި ބިލަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރެއްވި އެއްވެސް މެންބަރަކު މި ބިލާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކަވާފައެއްނުވެއެވެ. ނަމަވެސް މި ބިލު ފާސްވުމާއި އެކު ރައްޔިތުން ތިބީ ރުޅި ގަދަވެފައެވެ. ސޯޝަލް މީޑިއާގައި އެތައް ޝަކުވާތަކެއް އެތައް ކަންބޮޑުވުންތަކެއް މިހާރުވެސް ދަނީ ބަންޑުން ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މަހެއްގެ މައްޗަށް 35،000 ރުފިޔާލިބި ދަޢުލަތުގެ ޚަރަދުގައި ސިއްޙީ ޚިދުމަތް ލިބި، ސެކިއުރިޓީ ލިބޭ ކަމަށްވާ ނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ނާއިބު ރައީސްކަން ކުރެއްވޭތޯ މަސައްކަތް ކުރުން މާ އައުލާކަން ބޮޑު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ތަރުޖަމާން އިބްރާޙީމް ހޫދު ވިދާޅުވީ ބިލު ތަސްދީޤު ކުރައްވާނެތޯ ނުވަތަ ނުކުރައްވާނެ ކަމަކަށްވެސް ރައީސް ޞާލިޙު އަދި ވިދާޅުވެފައި ނުވާ ކަމަށެވެ.

ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި ޖިނާޢީ ކުށެއް ނުކުރާ ނާއިބު ރައީސުންނަށް އިނާޔަތް ނުލިބޭ ފަދައިން މަޖިލީހުން ވަކިކުރާ ނާއިބު ރައީސުންނަށްވެސް ބިލުގައި ބަޔާންކޮށްފައިވާ އެއްވެސް އިނާޔަތެއް ލިބިގެނެއް ނުވާނެއެވެ. އަދި ރައްޔިތުން އިންތިޚާބު ނުކުރާ ނާއިބު ރައީސަކަށްވެސް އެއްވެސް އިނާޔަތެއް ލިބިގެނެއް ނުވާނެ ކަމަށް ބައެއް ރައްޔިތުން އަންނަނީ ބުނަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ނާއިބު ރައީސްގެ މަޤާމު ބައެއް ފަރާތްތަކަށް ދީފައިވާ ވަނީ "ދޮލަނގަކަށް ލާފަ"އެވެ. އެފަދަ ބޭފުޅުންނަށް ރައްޔިތުންގެ ފައިސާ ދީގެން ނުވާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

މިހާ ހިސާބުން މި އުފެދެނީ ވަރަށް ބޮޑު ސުވާލަކެވެ. ރައްޔިތުން އިންތިޚާބުކޮށް ރައްޔިތުންގެ ގެއަށް ވައްދާފައިވާ މެންބަރުން ނާއިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ފާސްކޮށްފައިވާއިރު ރައްޔިތުން މިއަދު ތިބީ އެ މެންބަރުން ފާސްކުރި ބިލާއި މެދު ހިތްހަމަ ނުޖެހިއެވެ. ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ޚަރަދު ކުރާކަށް ރައްޔިތުން މިއަދު ބޭނުމެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ އެ ރައްޔިތުންގެ ފައިސާ އިންސާފުވެރިކަމާއި އެކު ޤައުމުގެ ތަރައްޤީއަށް ހޭދަކުރާށެވެ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުވުމެވެ.