ވިޔަފާރި

އުރީދޫއިން ރާއްޖޭގެ ހުރިހާ ޑޮކްޓަރުން އެއް ވިއުގައަކުން ގުޅާލަނީ


ރާއްޖޭގެ ހުރިހާ ޑޮކްޓަރުން އެއް ވިއުޤައަކުން ގުޅާލަދޭ ޙާއްސަ ޕްލޭންއެއް އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ.

ޑޮކްޓަރުންނަށް ޚާއްސަކޮށް އުރީދޫއިން ތަޢާރަފްކުރި ޕްލޭން މެދުވެރިކޮށް، ޑޮކްޓަރުން އެކަކު އަނެކަކަށް ހިލޭ ގުޅާލުމާއި، ޓްވިޓަރ އާއި ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުންކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކެއްވެސް ހިމެނޭކަމަށް އުރީދޫއިން ބުނެއެވެ. މިއީ މިއަހަރުގެ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި އުރީދޫއިން ތަޢާރަފްކުރި ޕްލޭނެއްކަމަށް އެކުންފުނިން ބުނެއެވެ.

މި ޕެކޭޖު ތައާރަފްކޮށްދެއްވީ އުރީދޫ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި، ޑޮކްޓަރސް އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު މުހައްމަދާއި، އުރީދޫ މޯލްޑިވްސްގެ ސީ.އެފް.އޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ މިއީ ޑޮކްޓަރުންގެ މަސައްކަތަށް ތަފާތު ގޮތްތަކުން އެއްބާރުލުންދީ، އާއިލާ އާއި ގާތްތިމާގެ މީހުންނާއި ފަސޭހައިން ގުޅާލަދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްލޭންއެއްކަމަށެވެ.

އުރީދޫ ތަޢާރަފްކުރި ޑޮކްޓަރުންގެ ޕްލޭން ރާއްޖޭގައި ރަޖިސްޓަރކޮށްފައިވާ ހުރިހާ ޑޮކްޓަރުންނަށް ބޭނުންކުރެވޭއިރު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޕްލޭންއަށް އެދުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އުރީދޫއިން ބުނެއެވެ.