ޚަބަރު

ސީލައިފް ކުންފުނީގެ ވެރިޔާ ހޯދަން އިންޓަރޕޯލްގައި އެދިއްޖެ


ހުޅުމާލޭގައި ތިންހާސް ހައުސިންގ ޔުނިޓު އެޅުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން އެކި ފަރާތްތަކުގެ އަތުން ބޮޑު އަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓުތައް އަޅައިނުދީ މަކަރާ ޙީލަތް ހަދާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (ސީލައިފް އައްމަޓީ) ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވ. ތިނަދޫ، ރެޑްހައުސް އަހްމަދު މޫސާ މުހައްމަދު، އައްމަޑީ ހޯދުމަށް އިންޓަޕޯލުން ވަރަށް އަވަހަށް ރެޑްނޯޓިސް ނެރޭނެ ކަމަށެވެ. ސީލައިފްގެ ވެރިޔާ އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ފުލުހުން އެދިފައިވާއިރު މިދިޔަ ނޮވްމެބަރ މަސްތެރޭގައި ފުލުހުން ވަނީ ސީލައިފް ކުންފުންޏާއި ގުޅުންހުރި މަކަރާއި ޙީލަތް ހެދުމުގެ މައްސަލަތަކެއް ތަޙްޤީގު ކުރަން ފަށާފައެވެ. އެ މައްސަލައަކީ އެކި ފަރާތްތަކުގެ އަތުން ބޮޑު އަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓުތައް އަޅައިނުދިން މައްސަލައެވެ.

ސީޕީ ޙަމީދު ކުރައްވާފައިވާ ޓްވީޓު --

ފުލުހުން ވިދާޅުވީ އެމައްސަލައިގެ ތަޙުޤީޤުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ދަޢުވާ ކުރުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު ތިބިކަމަށް މި މައްސަލައިގެ ތަޙްޤީޤުން މިހާތަނަށް ޤަބޫލުކުރެވޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސްހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފްއާއި ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.