ޚަބަރު

މިއަހަރުގެ މިހާތަނަށް ފޭރުމުގެ 121 މައްސަލަ ވަނީ ހުށަހަޅާފައި - ޕޮލިސް


މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފޭރުމުގެ 121 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅެއްޖެއެވެ.

ރާއްޖޭގައި ހިންގާފައިވާ ފޭރުމުގެ މައްސަލަތަކާ ގުޅޭ މައުލޫމާތު ހިއްޞާ ކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު އިޒްމިޔާ ޒާހިރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް މާލޭ ސިޓީން އެކަނިވެސް ފޭރުމުގެ 113 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަތޮޅު ތެރެއިން 8 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ 3 މަސް ތެރޭގައި ފުލުހުންނަށް މާލޭ ސިޓީން ފޭރުމުގެ ޖުމްލަ 113 މައްސަލައެއް ހުށަހަޅާފައިވޭ. އަތޮޅުތަކުގައި ހިނގާފައިވާ ފޭރުމުގެ މައްސަލަތަކަކަށް ބަލާއިރު ހދ. އަތޮޅުން 2 މައްސަލަ. މ. އަތޮޅުން 1 މައްސަލަ. ގއ.އަތޮޅުން 2 މައްސަލަ. ގދ. އަތޮޅުން 1 މައްސަލަ އަދި އައްޑޫ ސިޓީން ދެ މައްސަލަ ހުށަހަޅާފައިވޭ." އިޒްމިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޭރުމުގެ މައްސަލަތައް ހިންގަނީ ހަތިޔާރު ބޭނުންކޮށްގެންނާއި ހަތިޔާރު ބޭނުން ނުކޮށް ބިރު ދައްކާ އިންޒާރުދީގެން ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމަށްފަހު ފޭރުނު 9 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ އިތުރުން ހަތިޔާރު ބޭނުން ނުކޮށް ފޭރުނު ފޭރުނު 8 މައްސަލައެއް މާލޭ ސިޓީން ހުށަހަޅާފައިވާ ކަމަށެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވަނީ މިއަހަރާއި މިދިޔަ އަހަރު ހިންގާފައިވާ ފޭރުމުގެ ބޮޑެތި މައްސަލަތަކާއި ގުޅޭ މައުލޫމާތު ހިއްޞާ ކުރައްވާފައެވެ. އެގޮތުން ދުރާލާ ރާވައިގެން ހިންގާފައިވާ ފޭރުމުގެ މައްސަލަތަކާއި އެ މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި ގުޅޭ މައުލޫމާތު ފުލުހުން ވަނީ ހިއްޞާ ކުރައްވާފައެވެ.