ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ލިވަޕޫލުން ބުނެފިއެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މިހެން ބުނީ ރޭ ޕޯޓޯ 4-1 އިން ބަލިކުރުމަށްފަހުއެވެ. ސާދިއޯ މާނޭ އާއި މުހައްމަދު ސަލާހް އަދި ރޮބާޓޯ ފިރްމީނޯ އާއި ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ގޯލުން ލިވަޕޫލް މޮޅުވުމުން ކްލޮޕް ބުނީ ކުޅުންތެރިންނަށް ތައުރީފް ހައްގު ކަމަށެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށެވެ. ކްލޮޕް ބުނީ ފަސް ފަހަރު ތަށި ހޯދާފައިވާ ލިވަޕޫލާއި ބާސެލޯނާގެ ފުޓްބޯޅަ މެޗެއް ކުޅެން ސެމީ ފައިނަލުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ރަނގަޅެއް ކަމަށެވެ.
މި މެޗު ވެގެންދާނީ ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އެ ޓީމުގެ ކުރީގެ ދެ ތަރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި ފިލިޕް ކުޓީޏިއޯ ލިވަޕޫލާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗަށެވެ.