ވިޔަފާރި

ރޮލެކްސް ގަޑި އެހާ އަގުބޮޑީ މިހެންވެގެން


އަތުކުރީގައި އަޅާ ގަޑިއަކީ އެމީހެއްގެ ކެރި ފޯރުންތެރިކަން ދައްކުވައިދޭ އެއްޗަކަށް މިވަނީވެފައެވެ. ފޯނުން ފަސޭހައިން ގަޑި ބަލާލެވުނަސް އަތުކުރީގައި ރީތި ގަޑިއެއް އަޅާލުމަކީ ފެޝަނެކެވެ.

ޚާއްސަކޮށް މުއްސަދިންގެ މެދުގައި އަތުކުރީ ގަޑިއަކީ މަޤްބޫލް އެއްޗެކެވެެ. މުއްސަދިން ހޮބީއެއްގެ ގޮތުގައި ގަޑި ކަލެކްޝަންތައް ގެންގުޅެއެވެ. މިފަދަ އަތުކުރީ ގަޑި ކަލެކްޝަންތަކުގައި ރޮލެކްސް ގަޑިއެއް އޮތުން ވެފައިވަނީ އެކަލެކްޝަންއަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާ ކަމަކަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އަތުކުރީ ގަޑިތަކުގެ ބުރޭންޑުތަކުގެތެރޭގައި ރޮލެކްސް ހިމެނެއެވެ. ރޮލެކްސް ގަޑި އަގުބޮޑު ވަނީ ކީތްވެގެން ހެއްޔެވެ؟ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.

ރޮލެކްސްގެ އެންމެ އަގުހެޔޮ ގަޑިތަށް 4000 ޑޮލަރަށް ލިބެން ހުންނަ އިރު، އެންމެ އަގު ބޮޑު ރޮލެކްސް ގަޑިތަކުގެ އަގު 70000 ޑޮލަރަށް އަރައެވެ. އަގު ބޮޑު ވީ ނަމަވެސް ރޮލެކްސްގެ މަޤްބޫލްކަން ބޮޑުވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަތުކުރީ ގަޑިއަކަށް ރޮލެކްސް ބުރޭންޑުގެ ގަޑިތަށްވުމެވެ. އެގޮތުން ޢާއްމު ގޮތެއްގައި ރޮލެކްސް ގަޑިއެއް ވިހި އަހަރުގެ މުއްދަތަކަށް ބޭނުން ކުރެވޭނެއެވެ.

ރޮލެކްސް ގަޑިތަށް އުފައްދާ ގޮތަކީވެސް އޭގައި ތަފާތު އެތައް ކަމެއް ފާހަގަކުރެވޭ ކަމެކެވެ. އެގޮތުން، ރޮލެކްސްގެ ކޮންމެ ގަޑިއަކީވެސް ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ހަދާ ގަޑިތަކެކެވެ.

ރޮލެކްސް ގަޑިއެއް އުފައްދައި ނިމެން އެއްއަހަރު ދުވަސް ނަގާ ކަމަށްވެއެވެ. ގަޑިއެއް ހަދައި ނިމެން މިހާ ގިނަ ދުވަސް ނަގާ ސަބަބުތަކުގެ ތެރޭގައި، ރޮލެކްސް ގަޑިއެއް ހެދުމުގެ މަސައްކަތަކީ މީހެއްގެ ފުރިހަމަ ސަމާލުކަމާއެކު އަތުން ކުރާ މަސައްކަތްކަށް ވުމާއި، ރޮލެކްސްގެ ހުރިހާ ގަޑިއަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ތައްޔާރުކުރަނީވެސް ހަމަ ރޮލެކްސުން ކަމަށްވުން ހިމެނެއެވެ. އަދި ބާޒާރަށް ނެރުމުގެ ކުރިން ގިނަ ޢަދަދެއްގެ ޓެސްޓުތަކެއް ކޮންމެ ގަޑިއަކަށް ވަކިވަކިން ކުރެއެވެ.

ރޮލެކްސްއިން ދަނީ އަތުކުރީ ގަޑިތަކަށް ޒަމާނީ ބަދަލުތަށް ގެންނަންމުންނެވެ. އެގޮތުން، ދުނިޔޭގެ އެންމެ ފުރަތަމަ ވޯޓަރ ޕްރޫފް އަތުކުރީ ގަޑިއަކީ ރޮލެކްސްއިން 1926ވަނަ އަހަރު ނެރުނު އަތުކުރީ ގަޑިއެވެ.