ޚަބަރު

ޖޫ-ޖިޓްސޫ އެސޯސިއޭޝަނަށް ފަރިތަކުރާނެ ރަނގަޅު ތަނެއް ބޭނުން


ފަރިތަކުރާނެ ރަނގަޅު ތަނެއް ލިބިއްޖެކަމުގައިވާނަމަ، ރާއްޖެއަށް ގިނަ މެޑަލްތަކެއް ހޯދިދާނެކަމަށް ޖޫ-ޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހުސެއިން ޒާހިރު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ ސައުތް އޭޝިއަން އޯޕަން އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖޭގެ ޓީމްއިންވަނީ 4 ރިހި މެޑަލްއާއި 7 ލޯ މެޑަލް ހޯދާފައެވެ.

ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ޖޫ-ޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހުސެއިން ޒާހިރު ވިދާޅުވީ އަލަށް ރާއްޖޭގައި ތަޢާރަފް ކުރެވުނު ޖޫ-ޖިޓްސޫ އެސޯސިއޭޝަންއިން ބައިވެރިވި ފުރަތަމަ މުބާރާތާއި އަޅާ ބަލާއިރު މިއީ ވަރަށް ކާމިޔާބު މުބާރާތެއްކަމަށާއި ކުރެވުނު ފަރިތަކުރުންތަކާއި އަޅާބަލާއިރު ލިބުނު ކާމިޔާބީއަކީވެސް ފާހަގަކޮށްލެވޭ ކަމެއްކަމަށެވެ. އަދި މިއީ ރާއްޖެއަށް ވަރަށް އާ ކުޅިވަރަކަށްވެފައި، ޖޫ-ޖިޓްސޫއޭ ބުނުމުން މީހުންނަށް ހީވެފައި އޮންނަނީ މިއީ ތަޅާފޮޅުންކަމަށެވެ.

ނަމަވެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޒާހިރު ވިދާޅުވީ މިއީ އަމިއްލަ ނަފްސު ދިފާޢުކުރުންކަމަށާއި މިއީ އެއްވެސް ވަރަކަށް ގެއްލުން ހުރި ކުޅިވަރެއް ނޫންކަމަށްވެސް ޖޫ-ޖިޓްސޫ އެސޯސިއޭޝަންގެ ރައީސް ހުސެއިން ޒާހިރު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއެރުވިދާނެ ކުޅިވަރެއްކަމަށާއި ނަމަވެސް މިކުޅިވަރު ކުރިއެރުވުމަށް ބަލާއިރު، ފަރިތަކުރުމަށް ތަނެއް ނެތުމަކީ ދިމާވާ ވަރަށް ބޮޑު ދަތިކަމެއްކަމަށްވެސް ޖޫ-ޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހުސެއިން ޒާހިރު ވިދާޅުވިއެވެ.

އިންޑިއާގައި ކުރިއަށްދިޔަ މިމުބާރާތުގައި ބައިވެރިވީ ރާއްޖޭގެ ނުވަ އެތްލީޓުންނެވެ. މި މުބާރާތުން ރިހި މެޑަލް ހޯދީ ޖޫ-ޖިޓްސު ފައިޓިންގެ 62 ދެ ކިލޯއަށްވުރެ ދަށުގެ ކެޓަގަރީއިން މުހައްމަދު ނިޝާލް، ޖޫޖިޓްސޫ ފައިޓިންގެ 77 ކިލޯއަށްވުރެ ދަށް ކެޓަގަރީއިން ހުސެއިން ޒާހިރު، ޖޫ-ޖިޓްސޫ ޑުއޯ ޝޯއިން މުހައްމަދު ޝާން ހަސަން އަދި ޖޫ-ޖިޓްސޫ ކޮންޓެކްޓް 45 ކިލޯއަށްވުރެ ދަށް ކެޓަގަރީއިން ފާތިމަތު ޝަހާ ހަސަނެވެ. މީގެއިތުރުން މޯލްޑިވްސް ޖޫ-ޖިޓްސޫ އެސޯސިއޭޝަންގެ ފަރާތުން ވަނީ އިންޑިއާގައި ކުރިއަށްގެންދިޔަ ސައުތް އޭޝިއަން ރީޖަނަލް ރެފްރީ ސެޓިފިކޭޝަން ސެމިނާގައިވެސް ބައިވެރިވެފައެވެ.