ޚަބަރު

އަލީ އުމަރަށް އެފްއޭއްގައި ފުރުސަތު އެބައޮތް - ބައްސާމް


ކޮމިޝަނާ އޮފް ސްޕޯޓްސް މަގާމްއިން ވަކިކުރި އަލީ އުމަރު އެފްއޭއެމްއިން ފެނިދާނެކަމުގެ އިޝާރާތެއް އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފިއެވެ.

ސްޕޯޓްސް ކޮމިޝަނަރުކަމުގެ މަގާމްއަށް އަލީ އުމަރު ހަމަޖެއްސުމުގެ ކުރިންވެސް އަލީ އުމަރު ވަނީ އެފްއޭއެމްގައި މަސައްކަތްކޮށްފައެވެ. ކޮމިޝަރ އޮފް ސްޕޯޓްސްގެ މަގާމްއިން އަލީ އުމަރު ދުރުކޮށްފައިވަނީ ޔޫތް މިނިސްޓްރީއާއި އެފްއޭއެމްއާއި ދެމެދުގައި ވަރަށް ބޮޑަށް އަރާރުންވަމުން ދަނިކޮށެވެ. އެފްއޭއެމްއާއި ޔޫތް މިނިސްޓްރީން އެންމެ ބޮޑަށް އަރާރުންވެފައިވަނީ އެފްއޭއެމްގެ ތެރޭގައި ސިޔާސީ ކަންތަށްތަށް ހިންގުމާއި ދިވެހި ފުޓްބޯޅައަށް ފައިދާވާ ގޮތަށް ކަންތަށް ނުކުރާކަމަށް ބުނެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސް މަގާމްއިން އަލީ އުމަރު ވަކިކުރި ސަބަބެއް އެއްގޮތަކަށްވެސް ނޭންގޭކަމަށާއި އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން އަލީ އުމަރު ވަކިކުރި ސަބަބު ބަލަންވެސް ބޭނުން ނުވާކަމަށެވެ. އަލީ އުމަރު ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމްގެ މަސްޢޫލިއްޔަ އަދާކޮށްފައިވަނީ ވަރަށް ފުރިހަމައަށްކަމަށާއި މަސައްކަތްކޮށްފައިވަނީ ހުރިހާ އެސޯސިއޭޝަންއަކާއި ގުޅިގެންކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ދިވެހި ކުޅިވަރު ކުރިއެރުވުމަށް އަލީ އުމަރުވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީފަކަމަށެވެ. އަދި އަލީ އުމަރުއަކީ ދިވެހި ފުޓްބޯޅައިގެ ލެޖެންޑްއެއްކަމަށާއި އެފަދަ މީހެއް ފުޓްބޯޅަށް ހިދުމަތް ކުރަންބޭނުންވާނަމަ އެފުރުސަތު އަބަދުވެސް އޮންނާނެކަމަށެވެ.

"ވަކި އަލީ އުމަރުއެއް ނޫން ކޮންމެ ބޭފުޅަކަށްވެސް ފުޓްބޯޅައަށް ހިދުމަތް ކުރަން ބޭނުންވާނަމަ އެފުރުސަތު އޮންނާނެ. އަދި އަލީ އުމަރުއަކީވެސް ކުރިން އެފްއޭއެމްގައި މަސައްކަތްކޮށްފައިވާ ވަރަށް ގާއިބް ބޭފުޅެއް. އަލީ އުމަރުއަކީ ރާއްޖޭގައި އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެފައިވާ ބޭފުޅެއް، އަދި ރާއްޖޭގެ ފުޓްބޯޅައިގައި ހިގާ ހުރިހާކަމެއްވެސް އައްޔައަށް އެގޭނެ، މީގެ ކުރިންވެސް އަލީ އުމަރުވަނީ ފުޓްބޯޅައަށް ގިނަ މަސައްކަތްތަކެއް ކޮށްދީފަ. މިހާރުވެސް އެފްއޭއެމްއިން އައްޔައަށް މަރުހަބާ ކިޔާނަން." ބައްސާމް ބުންޏެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެގްޒެކެޓިވް ކޮމިޓީގައި އެފްއޭއެމްގެ ފަރާތުން މީގެ ކުރިން ބައިވެރިވި އަލީ އުމަރަކީ އެޖަމިއްޔާ އިން ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު އަދި 2003 ވަނަ އަހަރު ދެ ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރު ކުޅެންފެށި އަލީ އުމަރު އެންމެ ފުރަތަމަ ފާހަގަވެގެންދިޔައީ މާލޭގައި 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުންނެވެ.