ވިޔަފާރި

އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރަނީ!


މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކުންފުނީގެ ނަން ބަދަލުކުރުމަށްޓަކައި ބައެއް ނަންތައް ރައީސް އޮފީހަށްވެސް ފޮނުވާފައިވާކަމަށެވެ.

" އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައިވާނެ މިހާރު ރައީސް އޮފީހަށްވެސް ނޭމް ޗޭންޖް ކުރުމަށް، ތަފާތު ނަންތަކެއް ވާނެ ފޮނުވިފަ، އެކަންވެސް އެބަ ހިނގާ، އެއީކީ އަޅުގަނޑުމެން އެހާ ބޮޑަކަށް ފާއިތުވި ތަނުގެ ވާހަކަދައްކާ އެކަން ކުރުން އެހާ މުޙިއްމު ނޫން އަޅުގަނޑުމެންނަކަށް، ކުރިއަށް ވިސްނައިގެން ދިޔުން ކަންނޭގެ ބޮޑަށް ރަނގަޅީ،" ތޮއްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ނަން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާއިރު، އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ތުހުމަތުގެ މައްސަލަަތަކާއި އެކު އެކުންފުނީގެ ނަން ވަނީ ވަރަށް ބޮޑަށް ކިލަބުވެފައެވެ. އަދި ޙިޔާނާތުގެ ވާހަކަދެކެވޭ ކޮންމެ ފަހަރެއްގައިވެސް އެތަނުގެ ވާހަކަ ދެކެވޭއިރު މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.