ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ހުރިހާ މިނިސްޓަރުން އެއް މަޖިލީހަކުން ބައްދަލުވެ އެ ދާއިރާ ހަރުދަނާ ކުރުމަށް މަޝްވަރާކުރުމަކީ ސިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހެލްތު މިނިސްޓަރސް ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖޭގެ ފުރަތަމަ ހެލްތު މިނިސްޓަރުންގެ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މިދާއިރާގައި އެކި ދުވަސްވަރު މަސައްކަތްކުރެއްވި ބޭފުޅުންގެ ޚިޔާލާ މަޝްވަރާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ހުރިހާ ހެލްތު މިނިސްޓަރުން އެއްމޭޒަކުން ބައްދަލުކޮށް މަޝްވަރާކުރެވޭނެ މަގު ފަހިވެގެން ދިޔުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. އަދި ދުނިޔޭގެ ބޮޑެތި ޤައުމުތައް ކުރިއަރައިދިޔައީ އެޤައުމަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯދައި އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ގޮންޖެހުން ބޮޑު މިދާއިރާގެ ކަންކަން ރަނގަޅުކޮށް މިހާހިސާބަށް ގެނެސް ދެއްވުމަށް ކުރީގެ މިނިސްޓަރުން ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރ އަމީން ވަނީ އެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.
"މިއަދުގެ ޙާލަތާއި ބައްދަލުކުރާވެ ވިސްނުންތައް ކުރިއަށް ނެރުންކަމުގައި ވިޔަސް ކޮންމެ ތަޖުރިބާއަކީ އަގުހުރި ތަޖުރިބާއެއްކަމުގައި ދެކި އެތަޖުރިބާތައް އެއްމޭޒެއްގެ ދޮށުން ޙާސިލުކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި އަޅގަނޑު ދެކެން. ކުރިއަރައިގެންދިޔަ ޙާޟާރާތްތަކާއި އާބާދީތަކާއި ޤައުމުތައް ކުރިއަރައިގެންދިޔައީ އައު ވިސްނުމުގެ މައިގނަޑު ކާނާއަކީ ކުރީގެ ތަޖުރިބާތައް ކަމުގައި ބަލައިގަތުން. ސިއްޙީ ދާއިރާ އިތުރަށް ކުރިއަރުންވަން ކުރީގެ ތަޖުރިބާގެ ފިލާވަޅުތައް މުހިއްމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން.
އަދި ދިވެހިރާއްޖެ މިއަދު އިޖުތިމާޢީގޮތުންނާއި ސިޔާސީގޮތުންނާއި އަދި ހިންގުމުގެ ގޮތުން އައިސްފައިވާ ބަދަލުތަކަށް ވިސްނާއިރު ޤައުމުގެ ކަންކަންކުރިއަށް ގެންދިޔުމުގައި ޙިކުމަތްތެރި ވިސްނުމަކާއެކު ރައިސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ހިޔަލުގައި މިފަދަ ތަޖުރިބާތައް ހިއްސާކުރުމަށް ފުރުސަތު ފަހިވެގެން ދިޔުމަކީ ސިއްޙީ ދާއިރާއަށް ވުރެ ދުރަށް މިކަމުން ފައިދާކުރާނެކަމެއްކަމަށް އަޅުގަނޑު ކަށަވަރުކުރަން."
ރާއްޖޭގައި އެންމެ ފުރަތަމަ ބާއްވާ ހެލްތު މިނިސްޓަރުންގެ ސަމިޓު އިފްތިތާޙްކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ސަމިޓުގައި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ހެލްތް މިނިސްޓަރ މޫމިނާ ޙަލީމް ހިމެނޭހެން ކުރީގެ 10 ހެލްތު މިނިސްޓަރަކު ވަނީ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. މޫމިނާ ޙަލީމުގެ އިތުރުން މި ސަމިޓުގައި މުޙައްމަދު މުސްޠަފާ ޙުސެއިނާއި އަޙްމަދު ޢަބްދުﷲއާއި އަނީސާ އަޙްމަދާއި އާމިނަތު ޖަމީލާ އާއި އަޙްމަދު ޖަމްޝީދާއި މަރިޔަމް ޝަކީލާއާއި އަޙްމަދު ޒުހޫރާއި އިރުތިޝާމް އާދަމާއި ޢަބްދުﷲ ނާޒިމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިސަމިޓުގައި ރާއްޖޭގެ ސިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު މީގެކުރިން ޤައުމު ދެކެފައިވާ ބޮޑެތި ނުރައްކާތެރި ބަލިތަކާއި ކުއްލި ޙާލަތުގެ ވަގުތުގައި ސިއްޙީ ދާއިރާއަށް ކުރިމަތިވި ކަންކަމާ ކުރިމަތިލުމަށް ހެލްތު މިނިސްޓަރުން އެދުވަސްވަރުގެ ޙާލަތާއި ގުޅޭގޮތުން ޢަމަލުކުރެއްވި ގޮތްތައް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ސަމިޓު ކުރިއަށްދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.