ވިޔަފާރި

ބީއެމްއެލްއިން އުނގޫފާރުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސްއިން ރ އަތޮޅު އުނގޫފާރުގައި 24 ގަޑިއިރު ޚިދުމަތްލިބޭގޮތަށް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، އުނގޫފާރުގައި މިއަދު ހުޅުވި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް ބޭންކްގެ ކަސްޓަމަރުންނަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާދެއްކުމާއި، އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނޭކަމަށެވެ.

އުނގޫފާރުގައި ބީއެމްއެލްއިން ޤާއިމްކުރި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، އުނގޫފާރަކީ ވިޔަފާރި އާއި އިޤްތިސާދީ ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު ބީއެމްއެލްގެ މި ސެންޓަރުގެ ސަބަބުން އިންވެސްޓްމަންޓްތަކުގެ ފައިދާ ރ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނޭކަމަށެވެ.

ބީއެމްއެލްއިން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ގާއިމްކުރެވުނު މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އުނގޫފާރުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ އަދި އެކި މުވައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލްއިން ވަނީ، 20 އަތޮޅުގައި 37 ބްރާންޗް، 40 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، އަދި 100 އޭޓީއެމް، ބަހައްޓާފައެވެ. މީގެ އިތުރުން 5300 ޕީއޯއެސް މަރޗަންޓުންނާއި 277 ކޭޝް އޭޖެންޓުން ހަރަކާތްތެރިވަމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ.