ޚަބަރު

މާލެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ޕްލޭނެއް އެކުލަވާލަނީ


މާލެއަށް ދިމާވެދާނެ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން މާލޭގައި ފެންބޮޑުވުމުގެ ޙާދިސާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ސިޓީކައުންސިލާއި، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި، ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

"މާލެ ސިޓީ އެމަރޖެންސީ ރެސްޕޮންސް ޕްލޭން" އެކުލަވާލުމަށް ބޭއްވި އެއްދުވަހުގެ މި މަޝްވަރާ ބައްދަލުވުމުގައި ފުލުހުންނާއި ސިފައިނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި އެންވާރަމެންޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރިީއާއި އެމްޑަބްލިއުއެސީގެ އިތުރުން ކުއްލި ޙާލަތްތަކުގައި އެހީދޭ ޖަމްޢިއްޔާތަކުންވެސް ބައިވެރިވެފައިވެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ދިމާވާ ކުއްލި ޙާލަތްތަކުގައި، ފިޔަވަޅު އެޅުމުގެ ނިޒާމު އަވަސްކުރުމަށް އަދިވެސް ގިނަ މަސައްކަތް ކުރަން ހުރަންޖެހޭކަމަށެވެ. އެހެންކަމުން މިފަދަ ޕްލޭނެއް އެކުލަވާލުމަކީ އެކި މުވައްސަސާތަކުން ކުއްލިހާލަތުގައި އަދާކުރާނެ ދައުރާއި ޢަމަލުކުރާނެގޮތް އެނގިގެންދާނެ ކަމެއްކަމަށެވެ. ސިފާ ވިދާޅުވީ ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިހާރުވެސް ސިޓީ ކައުންސިލުން ފަށާފައިވާކަމަށެވެ.

"ފެންބޮޑުވާ ދެ ސަރަޙައްދެއްގެ ކާނު ސާފުކުރުމުގެ މަސައްކަތާއި، ފެންހިންދަން ބޭނުންކުރާ ވޯޓަރ ޕަމްޕްތައްވެސް ސާފުކުރުމުގެ މަސައްކަތް މިވަނީ ފަށާފައި" ޝިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ވިއްސާރަ ދުވަސްވަރު، ފެތުރިދާނެ ބަލިމަޑުކަމަކުން ސަލާމަތްވުމަށް މަގުމައްޗާއި، މީހުން އެއްވާ ތަންތަނަށް ކުނި އެޅުންވެސް ހުއްޓަންޖެހޭކަމަށެވެ. މިހާރުވެސް މަގުމަތީގެ ބައެއް ސަރަޙައްދުތަކަށް ކުނި އަޅާކަން ފާހަގަވެފައިވާކަމަށާއި، ވެމްކޯއާއި ގުޅިގެން މިފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ސިފާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ މިދިޔަ ޑިސެމްބަރުގައި މާލެއަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއަކީ ފަހަކަށް އައިސް ރާއްޖޭގައި ހިނގި މިފަދަ އެންމެ ބޮޑު ކާރިސާކަމަށެެވެ. އަދި މިފަދަ ކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް މިފަދަ ހަރުދަނާ ޕްލޭނެއް އެކުލަވާލުމަކީ މުހިންމު ކަމެއްކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު، އޮތޯރިޓީއަކަށް ބަދަލުވުމުމަށްފަހު ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުު ތަންފީޒްކުރަންވަނީ ފެށިފައި. މިއާއެކު ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުން މިފަދަ ހާލަތްތަކުގައި ހޯދަން ފަސޭހަވާނެ." ހިސާން ވިދާޅުވިއެވެެ.

މިޑިސެމްބަރު މަހު މާލެއަށް ކުރި ވިއްސާރައިގަ 220 ގެއަށް ގެއްލުން ލިބުނުއިރު، ބޮޑެތި ގެއްލުންތައް ލިބިގެން 189 ގެއެއްގެ އެސެސްމެންޓް ހަދާފައިވެއެވެ. އަދި ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި 1.4 މިލިއަން ރުފިޔާވެސް މި ގެތަކަށް ދީފައިވެއެވެ.