ޚަބަރު

2014 ގައި ޕީޖީ އަށް ހުށަހެޅުނު %70 މައްސަލަ ވަނީ ނިންމާފައި


2014 ވަނަ އަހަރު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 70 އިން
ސައްތަ މައްސަލަ ނިންމާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.



ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2014 ވަނައަހަރުގެ ތަފާސް ހިސާބުތަކުން
ދައްކާގޮތުން ދައުވާ ހުށައެޅުމަށް ފޮނުވުނު ޖުމްލަ 3396 މައްސަލައިގެ ތެރެއިން
2401 މައްސަލަ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައެވެ. އެގޮތުން
މީގެތެރެއިން 1497 މައްސަލައިގައި ދައުވާކުރުމަށް ނިންމާ، ކޯޓަށް ހުށައަޅާފައިވާކަމަށް
ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ. ބާކީ ހުރި މައްސަލަތަކަކީ އެކިއެކި
ސަބަބުތަކާހުރެ އަނބުރާ ފޮނުވުނު މައްސަލަތަކާއި، އެކަށީގެންވާ ހެއްކާ ޤަރީނާ
ނެތިގެން އަނބުރާ ފޮނުވާލެވުނު މައްސަލަތަކާއި، ދެވަނަ ފުރުސަތު ދިނުމުގެ ގޮތުން
ދައުވާ ނުކުރުމަށް ނިންމި މައްސަލަތަކެވެ. 

ފުރަތަމަ ކުށުގެ ތުހުމަތު ކުރެވޭ
ފަރާތްތަކަށާއި، ނިސްބަތުން ކުދި ކުއްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް އިތުރު
ފުރަސަތު ދިނުމުގެ އުލޫލެއް ޕީޖީ އޮފީހުން 2014 ވަނަ އަހަރު ވަނީ އެކުލަވާލާފައެވެ.
އެއުސޫލުގެ ދަށުން 25 އޯގަސްޓް 2014 އިން ފެށިގެން އެއަހަރުގެ ނިޔަލަށް 195
ފަރާތަކަށް އިތުރު ފުރުސަތު ދީފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ. އަދި
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 1016
މައްސަލައާމެދު ގޮތެއް ނިންމާފައިވާކަމަށައި، މިދިޔައަހަރު މުޅިއެކު 4001
މައްސަލައާމެދު ގޮތެއް ނިންމާފައިވާކަމަށް ޕީޖީ އޮފީހުގެ ތަފާސް
ހިސާބުތަކުންދައްކައެވެ. 2014 ވަނައަހަރު 
ދައުލަތުގެ ފަރާތުން ދައުވާކުރުމަށް ޝަރުޢީ ކޯޓުތަކަށް އެންމެ ގިނައިން
ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި، ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން
ވައްކަމުގެ 379 މައްސަލަތަކުގެ ދައުވާކުރުމަށް ހުށައަޅާފައިވާއިރު،
މަސްދުވާތަކެއްޗާ ގުޅުންހުރި 516 މައްސަލަ ވަނީ
ހުށައަޅާފައެވެ.



2014 ވަނައަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ގިނައިން މައްސަލަ
ހުށައަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން، އެއީ 3246 މައްސަލައެވެ. އަދި
އެންޓި ކޮރަޕްޝަންސް ކޮމިޝުން 32 މައްސަލަ ހުށައަޅާފައިވާއިރު އިލެކްޝަންސް
ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ހުށައަޅާފައިވަނީ އެންމެ މައްސަލައެކެވެ.