ވިޔަފާރި

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި މައުރަޒުގައި ޖުމްލަ 6 ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. މި ދާއިރާތަކުގެ ތެރޭގައި ވަކިވަކި ފަރުދުންގެ ދާއިރާއާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ތަޢުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ އިތުރުން ކްލަބު ޖަމުޢިއްޔާތަކުގެ ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުންކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދީ، ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމަށް ފޯމު ބަލައިގަންނާނީ އެޕްރީލް 21 ވަނަ ދުވަހުން ފެށިގެން 30 ޖޫންގެ ނިޔަލަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ބައިވެރިވުމަށް އެދޭ ފޯމު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ މިނިސްޓްރީގެ އިމާރާތުންނާއި، ރަށްރަށުގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި މައުރަޒު އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.