މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) މާދަމާ މަރުތަކު މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ޙާޒިރު ކުރުމަށް ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް އެނގިފައިވާ ގޮތުގައި އަޝްރަފް ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަނީ މާދަމާއެވެ. އަދި އޭނާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރަނީ އެ ދެ މައްސަލާއިގައި މަޢުލޫމާތުތަކެއް ސާފު ކުރުމަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އަދި ލިބޭގޮތެއްނުވެއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައާ ރިލްވާން ގެއްލުމުގެ ޙާދިސާއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ސޯޝަލް މީޑިއާގެ އެކްޓިވިސްޓު އަޝްރަފް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ހާޒިރުކުރާއިރު ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުވެސް (ޒާހިދު ކްރިއޭޓަރ) ވަނީ މީގެކުރިން އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ.
މަރުތަކާއި ބެހޭ ކޮމިޝަނުން ވިދާޅުވީ ޒާހިދު އެ ކޮމިޝަނަށް ހާޒިރުކުރީ 2011ވަނަ އަހަރާއި 2012ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާތީ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ޤާނޫނީ ކުށެއް ކަމަށާއި އެފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.