މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންނެގީ އެމީހުން ފަރާތުން ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާތީކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހާމަކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ މައްސަލާގައި ތަހުޤީގަށް ހާޒިރުކުރުމަށް ރެޑް ނޯޓިސް ނެރެފައިވަނީ ކުރީގެ ނާއިބު ރާއީސް އަހްމަދު އަދީބުގެ ވާރަށް ގާތް ބައެއްކަމަށްވާ އެޗްޑީސީގެ ކުރީގެ ޗެއަރމަން މުހައްމަދު އަސީލާއި އެސްއޯއެފްގެ މުހައްމަދު އައްލާމް ލަތީފާއި މުހައްމަދު ހުސެއިނާއި އަހްމަދު އިޝްފާހު ލަތީފު ހޯދުމަށެވެ. އެހެންނަމަވެސް މި މައްސަލައިގެ ތަހުޤީގު ފެށުމުގެ ކުރިން މި މީހުންވަނީ ރާއްޖެއިން ފިލައިގެން ގޮސްފައެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސުން ބުނީ މި ހަތަރު މީހުންގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވަނީ ދައުލަތުން އެދިގެންކަމަށެވެ. އަދި އޭރު އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނީ މި ހަތަރު މީހުން ތަހުޤީގަށް ހާޒިރުނުކުރެވިގެންކަމަށާއި މިހާރު އެފަރާތަކާއި ފުލުހުންނާ ދިމާވެ ތަހުޤީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި ފަރާތްތައް އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން ތިބި ނަމަވެސް ފުލުހުނަށް އެމީހުންނާއި ބައްދަލުކޮށް ބޭނުންވާ މައުލޫމާތު ހޯދާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެހެންކަމުން މިހާރު ރެޑް ނޯޓިސް ދަމަހައްޓަންޖެހޭ ތަނެއް ނެތްކަމަވެސް ފުލުހުން ބުނެއެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސް.އޯ.އެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެ ފައިސާ 155 ފަރާތެއްގެ އެކައުންޓްތަކަށް ވަނީ ޖަމާކޮށްދީފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ތަހުޤީގުކޮށް އޭސީސީން އެކުލަވާލި 700 ވުރެ ގިނަ ސޮފްހާގެ ރިޕޯޓްގައި އެމްއެމްޕީއާރސީ މެދުވެރިކށް ފަޅުތަކާއި ރަށްތައް ކުއްޔަށްދީގެން ލިބުނު ފައިސާ ވަގަށް ނެގި ގޮތް ބަޔާންކޮށްފައިވެއެވެ. އަދި އެ ފައިސާ ޖަމާކުރި އެކައުންޓްތައް ބަޔާންކޮށްފައިވާއިރު އޭގައި ހިމެނެނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރުވެރިންނެވެ. ފައިސާ ޖަމާކުރި އެކައުންޓަަކުގެ ތަފްސީލުތައް ހުރިނަމަވެސް ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވަނީ އަދި ބަހާފއިވަނީ ކިހާ ފައިސާއެއްކަމެއް އޭސީސީގެ ރިޕޯޓަކުން ނޭގެއެވެ.