ސިޔާސީ

މަޖިލިހުގެ ރައީސް ކަނޑައަޅަން އެމްޑީޕީން ވޯޓު ނަގާނެ ގޮތަކާއި މެދު ޚިޔާލުތަފާތުވުން


ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ނިމި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރި އެމްޑީޕީގެ ލީޑަރޝިޕާއި އެޕާޓީގެ ސަޕޯޓަރުންގެ މެދުގައި މަޖިލިސް ރައީސްކަމާއި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމަށް ވަޑައިގަންނަވާނެ ބޭފުޅުންގެ ނަންތައް އަންނަނީ އެންޑޯސްކުރަމުންނެވެ. ޕާޓީގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މަޖިލިސް ރައީސް ކަމަށް މެންބަރުންގެ ނަންތައް އެންޑޯސްކުރައްވާފައިވާއިރު އެތައް މެންބަރުންނެއް މިހާރުވެސް އަންނަނީ މަޖިލިސް ރައީސްކަމަށް ޝަޢުޤުވެރިކަން ފާޅުކުރަމުންނެވެ. ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި އެކަމަށް ޝަޢުޤުވެރިކަން ފާޅު ކުރައްވާފައިވާއިރު އަނެއްބައި މެންބަރުން ޓީވީ ޕްރޮގްރާމުތަކުގައި އަންނަނީ މަޖިލިސް ރައީސްކަމަށް ޝަޢުޤުވެރިކަމަށް ފާޅު ކުރައްވަމުންނެވެ.

މިހާތަނަށް ފަސް ބޭފުޅު 19ވަނަ މަޖިލީހުގެ ރައީސް ކަމަށް ވަނީ ޝަޢުޤުވެރިކަން ފާޅުކުރައްވާފައެވެ. އޭގެތެރޭގައި ރައްޔިތުން މަޖިލީހުގެ ދެ ދައުރު ފުރިހަމަ ކުރައްވާ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުން ގިނަކަން ފާހަގަކޮށްލެވެއެވެ. މި ފަސް މެންބަރުންގެ މެދުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެދުގައި ވޯޓެއް ނަގާނެއެވެ. އެ ވޯޓު ނެގުމުގެ ބޭނުމަކީ މަޖިލިސް ހުވާ ކުރުމަށްފަހު ބާއްވާ ޖަލްސާގައި މަޖިލިސް ރައީސްކަމާއި ނާއިބު ރައީސްކަމަށް މެންބަރުން އިންތިޚާބު ކުރައްވާނެތީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ނަމެއް ހުށަހެޅުމުގެ ބޭނުމުގައެވެ.

މަޖިލިސް ރައީސްކަމަށް މިހާތަނަށް އެމްޑީޕީގެ ފަރާތުން ގިނަ ބޭފުޅުންތަކެއް ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާއިރު އެމްޑީޕީ ޕީޖީ ގްރޫޕުގައި މަޖިލިސް ރައީސްކަމަށް އެޕާޓީން ހުށަހަޅާނެ ނަމަކަށް ވޯޓަށް އަހާނީ ސިއްރުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއްނުވެއެވެ. ނަމަވެސް މިހާރުއްސުރެ އެކަމާ ގުޅިގެން ސޯޝަލް މީޑއާގައި މިވަނީ ބޮޑު ބަހުސެއް ފެށިގެން ގޮސްފައެވެ. ރޭ ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މެމްބަރުންގެ މެދުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރުވެސް ހޮވަނީ ޕީޖީ ގްރޫޕުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. އެހެންކަމުން ގިނަބަޔަކު މަޖިލިސް ރައީސްކަމަށް އައުމަށް ޝަޢުޤުވެރިކަން ހުރި ކަމަށްވާނަމަ ޕީޖީ މެންބަރުންގެ މެދުގައި ނަގަންޖެހޭނީ ސިއްރު ވޯޓެއް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޤައުމުގެ މަތީ މަޤާމުތަކަށް އަންނަ މީހުން ހޮވަން ނަގާ ވޯޓުތައް ސިއްރުކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެހުރެ، ވޯޓުލުމުގެ ފުރުޞަތު ދިނުމަށް ކަމަށެވެ. އަދި ހޮވޭ މީހާއަށް ވޯޓު ނުދޭ މީހުންނަށް ތަފާތު ކުރުމުގެ ފުރުޞަތު ނުދިނުމަކީވެސް ސިއްރުކޮށް ވޯޓުލާ ސަބަބެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ނަމެއް ކަނޑައެޅުމަށް ޕީޖީގައި ސިއްރު ވޯޓެއް ނެގުމަކީ މިހާތަނަށް އެމްޑީޕީން ކުރި ކަމެއް ނޫން ކަމަށެވެ. ސިއްރު ވޯޓު ނެގުމަކީ ވޯޓު ވިއްކަން ހުޅުވާލެވޭ ފުރުސަތެއް ކަމަށާއި އެމްޑީޕީގެ ޕީޖީގައި އެކަމަށް ޖާގަ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވައިގެން ނުވާނެ ކަމަށް އިމްތިޔާޒުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އިމްތިޔާޒު ފަހުމީއަށް ތާޢީދު ކުރައްވާ ގަލޮޅު އިތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް އަދި ނާއިބު ރައީސްކަމަށް ހުށަހަޅުއްވާ ނަންފުޅަށް އެމްޑީޕީގެ ޕީޖީގައި ވޯޓަށް އަހަންވާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އީވާ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި އެކަމަނާ ހުންނަވާތީ 10 އަހަރު ދުވަސްވެފައިވާ ކަމަށާއި މަޖިލިހުގައި ކަމެއް ފާސް ކުރުމުގެ ކުރިން އެމްޑީޕީ ތެރޭގައި ސިއްރު ވޯޓެއް ދުވަހަކު ވެސް ނުނަގާ ކަމަށެވެ.

އުނގޫފާރު ދާއިރާއަށް މިހާރު އިންތިޚާބުވެވަޑައިގެންފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެވެސް މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވީ ނަޒާޙާތްތެރި މަޖިލީހެއް އުފެއްދުމަށް ސިއްރު ވޯޓެއް ނުދެއްވާނެ ކަމަށެވެ.

ކޮންމެއަކަސް މަޖިލިސް ރައީސްކަމާއި ނާއިބު ރައީސްކަމަށް އެމްޑީޕީން މަޖިލީހަށް ނަން ހުށަހަޅާއިރު އެޕާޓީގެ ޕީޖީ ގްރޫޕުގައި ވޯޓު ނަގާނެ ގޮތަކާއި މެދު މިވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. އެމްޑީޕީގެ މެންބަރުންގެ ތެރޭގައި މަޖިލިސް ރައީސްކަމާއި ނާއިބު ރައީސްކަމުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުންދަނީ ސިއްރު ވޯޓެއް ނަގަން އުޅޭނަމަ އެކަމަށް ނުފޫޒު ފޯރުވަން ބަޔަކު މަސައްކަތް ކުރާނެ ކަމަށެވެ. އެމްޑީޕީއާ ތާޢީދުކުރާ ގިނަ މީހުން ސޯޝަލް މީޑިއާގައި ބުނަމުން ދަނީ ނަޒާހާތްތެރި މަޖިލީހެއް އުފެއްދޭނީ އެފަދަ ކަންކަމުން ދުރުހެލި ވެގެން ކަމަށެވެ.