ޚަބަރު

ލިވަޕޫލް ޕޯޓޯއާ ދެކޮޅަށް - ތާރީހު ލިވަޕޫލް ކޮޅަށް


ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މިރޭ ލިވަޕޫލުން ޕޯޓޯއާ ދެކޮޅަށް ނުކުންނާނެއެވެ.

މި މެޗަށް ލިވަޕޫލް ނިކުންނައިރު އެޓީމު އޮތީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަންގައިވެސް ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނު ލިވަޕޫލުން ޔޫރަޕްގެ ގަދަ ބާރެއްގެ މަގާމަށް އެނބުރި އައުމަށް މަސައްކަތް ކުރާ އިރު، ކޯޗު ޔާގަން ކްލޮޕްގެ ވިސްނުމުގައި ހުރީ ވަރަށް ތަފާތުކޮށެވެ.

ކްލޮޕް ބުނީ ދެ ގޯލްގެ ލީޑެއް އޮތް ނަމަވެސް، ޕޯޓޯއާ ދޭތެރޭ ބަލިކޮށް ނުވިސްނާނެ ކަމަށާއި، ޕޯޓޯގެ ފެންވަރު އަބަދުވެސް ޔޫރަޕްގައި ފެނިގެންދާ ކަމަށެވެ. މިރޭގެ މެޗަށް ނުކުންނައިރު، ތާރީހު އޮތީ ލިވަޕޫލް އަތުގައެވެ. ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ލިވަޕޫލުން ޔޫރަޕްގެ މުބާރާތެއްގައި ޕޯޓޯ އަތުން ބަލިވެފައެއް ނުޥެއެވެ.
މިހާތަނަށް ލިވަޕޫލާއި ޕޯޓޯ، ޔޫރަޕްގެ މުބާރާތްތަކުގައި ކުޅުނު ހަތް މެޗުން ތިން މެޗު އެއްވަރުވި އިރު، އަނެއް ހަތަރު މެޗުން މޮޅުވީ ލިވަޕޫލެވެ. ޕޯޓޯއަށް ލިވަޕޫލް ކޮޅަށް ގޯލެއްވެސް ޖެހިފައެއް ނުވެއެވެ.