ޚަބަރު

މާނޭ ލިވަޕޫލްގައި މަޑުކުރަން އުޅޭ ކަމުގެ އިޝާރާތެއް


ސާދިއޯ މާނޭ ލިވާޕޫލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށް ގިނަ އަހަރުތަކެއް ކްލަބްގައި މަޑުކުރަން އުޅޭކަމުގެ އިޝާރާތްތަކެއް ދީފިއެވެ.

މިސީޒަންގައި ލިވަޕޫލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާގެ މަގާމް ހޯދާފައިވާ މާނޭ ހޯދުމަށް ދާދިފަހުން ރެއާލް މެޑްރިޑުން މަސައްކަތް ފަށާފައިވާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
އެހެންނަމަވެސް މާނޭ ބުނީ އޭނާ ލިވަޕޫލްގައި ހުރީ ވަރަށް އުފަލުން ކަމަށާއި ބޭނުންވަނީ ލިވަޕޫލްގެ ތާރީހުގެ ތެރެއަށް ވަދެގެންގޮސް އަބަދުވެސް ސަޕޯޓަރުންގެ ހަނދާނުން ފޮހިވިގެން ނުދާވަރުގެ ކުޅުންތެރިއަކަށް ވާން ކަމަށެވެ. ދާދިފަހުން ލިވަޕޫލް އާއެކު ސަތޭކަ މެޗު ހަމަކުރި މާނޭ ވަނީ މިސީޒަންގައި ޕްރިމިއާރ ލީގުގައި 18 ލަނޑު ޖަހައިދީ ލީގް ތާވަލްގެ އެއްވަނާގައި ހިފަހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މިރޭ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ކުޅޭއިރު މާނޭ ބުނީ މިހާރު އެންމެ ބޭނުންވަނީ ކޮންމެވެސް ތައްޓެއް ލިވަޕޫލްއާއެކު ކާމިޔާބުކުރަން ކަމަށެވެ. މީގެއިތުރުން މާނޭ ވަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއަށްވެސް ތައުރީފްކޮށް ކްލޮޕާއެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އުމުރުން ހަތާވީސް އަހަރުގެ މާނޭ ވަނީ މިސީޒަންގައި ޖުމްލަ އެކާވީސް ލަނޑު ލިވަޕޫލްއަށް ކާމިޔާބުކޮށްދީފައެވެ.