ޚަބަރު

ރޯދަމަހު ޙާފިޒުންނާއި، ޤާރީން ގެނައުމަށް 45 ދުވަހުގެ ވިސާއެއް ދޫކުރަނީ!


1440ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖޭން ބޭރުން ޙާފިޒުންނާއި، ޤާރީން ގެނެވޭނައުމަށް 45 ދުވަހުގެ ސްޕެޝަލް ވިސާއެއް ދޭން ނިންމައިފިއެވެ.

މި އަހަރުގެ ރަމަޟާންމަހުވެސް ބޭރުންގެންނަ ހާފިޒުންނާއި ޤާރީންނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެނައުމަށް ހުއްދަ ދީފައިވާ ބަޔަކަށް ވާންޖެހޭއިރު، މިބޭފުޅުން ގެނައުމަށް ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އީމެއިލް މެދުވެރިކޮށް އިމިގްރޭޝަނުންވަނީ ހުޅުވާލާފައެވެެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު އިޢުލާނެއްގައި ވާގޮތުން، މި އިންތިޒާމުގެ ދަށުން ވިސާއަށް އެދި ހުށަހަޅާއިރު، "ސްޕެޝަލް ވިސާ" އެޕްލިކޭޝަން ފޯރމާއި، މިކަމާބެހޭ ލިޔެކިޔުންތަށް އިމިގްރޭޝަންގެ އީމެއިލްއަށް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

"ސްޕެޝަލް ވިސާ"ގެ ދަށުން ބިދޭސީ ޙާފިޒުންނާއި ޤާރީން ރާއްޖެ ގެނައުމަށްޓަކައި އެބިދޭސީ ޙާފިޒަކު ނުވަތަ ޤާރީއަކު ރާއްޖެއަށް އައުމުގެ 5ދުވަސްކުރިން ލިޔެކިޔުންތަކާއިއެކު އިމިގްރޭޝަންއަށް ހުށަހަޅަންޖެހެއެވެ.

މި ވިސާގެ ދަށުން 45 ދުވަހު ރާއްޖޭގައި ތިބުމުގެ ހުއްދަ ލިބިފައިވާއިރު، މި އިންތިޒާމުގެ ދަށުން އެތެރެވާ ބިދޭސީއަކީ ސަރުކާރުގެ އިދާރާއަކުން ގެންނަ ފަރާތެއްނަމަ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ. ނަމަވެސް ބިދޭސީ ފަރާތް ގެންނަނީ ޖަމްޢިއްޔާއަކުން ނަމަ، ވިސާފީގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ކޮންމެ އެޕްލިކޭޝަނެއް ވަކި އީމެއިލް އެއްގެ ގޮތުގައި ފޮނުވަންޖެހޭއިރު، މިވިސާގައި ރާއްޖެ އައުމުގެ ހުއްދަ ދެވުނުކަން ނުވަތަ ނޫންކަން އަންގާނީ އެޕްލިކޭޝަން ފޮނުވާ އީމެއިލްގެ "ރިޕްލައި"އެއްގެ ގޮތުގައިކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.