ޗައިނާއިން މެލޭޝިޔާގައި ފަށާފައިވާ މަލްޓި ބިލިއަން ޑޮލަރުގެ ރެއިލްވޭ ޕްރޮޖެކްޓުގެ އަގު، ތިން ބައިކުޅަ އެއްބައި ކުޑަކުރަން ޗައިނާއިން އެއްބަސްވެއްޖެއެވެ.
މެލޭޝިޔާގައި ކުރިއަށްގެންދާ އީސްޓް ކޯސްޓް ރެއިލް ލިންކު މަޝްރޫޢަކީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤުގެ ސަރުކާރުގައި ފެށި މަޝްރޫޢެކެވެ. ނަމަވެސް މިދިޔަ މޭމަހު މެލޭޝިޔާގެ ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ސަރުކާރުން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި މިމަޝްރުޢޫގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައެވެ.
މެލޭޝިޔާ ސަރުކާރުން ބުނެފައިވަނީ ރެއިލްވޭ މަޝްރޫޢުގެ އަގުު ވަރަށް ބޮޑުކަމަށާއި އެއްބަސްވުން އޮތްގޮތުން ހުރިހާ ފައިދާއެއްވެސް އޮތީ ޗައިނާއަށްކަމަށެވެ. އެހެންކަމުން މެލޭޝިޔާއަށް ގެއްލުންވާ ގޮތަށް ކުރިއަށްދާ އެފަދަ ހުރިހާ މަޝްރޫޢުތަކެއް އަލުން މުރާޖަޢާކުރާނެކަމަށް މެލޭޝިޔާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިގޮތުގެ މަތިން ރެއިލްވޭ މަޝްރޫޢު ކުރިއަށްގެންދާ ޗައިނާގެ ސީސީސީސީ ކުންފުންޏާއި މެލޭޝިޔާ ސަރުކާރާ ދެމެދު ވަނީ ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. އަދި އެންމެފަހުން މިޕްރޮޖެކްޓްގެ އަގު ތިން ބައި ކުޅަ ދެބަޔަށް ކުޑަކުރުމަށް ޗައިނާއިން މިހާރު ވަނީ އެއްބަސްވެފައެވެ. އެގޮތުން ހަ ސަތޭކަ އަށްޑިހަ އަށް ކިލޯމީޓަރު ދިގު ރެއިލްވޭގެ އަގަކަށް ކުރިން ހަމަޖައްސާފައި އޮތް 15.9 ބިލިއަން ޑޮލަރު ވަނީ 10.6 ބިލިއަން ޑޮލަރަށް ކުޑަކުރުމަށް ޗައިނާ ސަރުކާރުން އެއްބަސްވެފައިވާކަމަށް މެލޭޝިޔާ ސަރުކާރުން ބުނެއެވެ. އަދި އެކަމާ ގުޅޭ ސަޕްލިމެންޓަލް އެއްބަސްވުމެއްގައި ސޮއިކޮށް، ރެއިލްވޭގެ މަސައްކަތް އަލުން ފެށުމަށް ނިންމާފައިވާކަމަށް މެލޭޝިޔާ ސަރުކާރުން ބުނެއެވެ.
މެލޭޝިޔާ ސަރުކާރުން ބުނާގޮތުން ޗައިނާއިން ދޭ ލޯނެއްގެ ދަށުން ކުރިއަށްގެންދާ ރެއިލްވޭ މަޝްރޫޢުގެ އަގު ކުޑަކުރުމުން މެލޭޝިޔާއަށް ފައިދާތަކެއްވެ، އެޤައުމުގެ ދަރަނި ކުޑަކުރެވިގެންދާނެއެވެ.
ޗައިނާއިން ކުރިއަށްގެންދާ ބެލްޓް އެންޑް ރޯޑް ޕްރޮގްރާމްގެ ދަށުން، 2017 ވަނަ އަހަރު ފެށި އީސްޓް ކޯސްޓް ރެއިލް ލިންކު މަޝްރޫޢަކީ މެލޭޝިޔާގެ އިރުމައްޗާއި ހުޅަނގުން އޮންނަ ސަރަޙައްދުތައް ގުޅުވާލަދޭނެ މަޝްރޫޢެކެވެ.