ސިޔާސީ

ތަރައްޤީގައި ރައްޔިތުންނަށް ހައްޤު މިންވަރަކީ މިއީތޯ؟


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަސްއަހަރު ދުވަހުގެ ވެރިކަން ނިމިގެން ދިޔައިރު، އެމަނިކުފާނަށް ތާޢީދުކުރާ ފަރާތްތަކުން އެމަނިކުފާނުގެ މައްޗަށް ކުރާ ބޮޑި ތުހުމަތުތަކާއި ގުޅިގެން އޭގެ ދިފާޢުގައި ސަޕޯޓަރުން ދައްކާ އެއްވާހަކައެއް އޮވެއެވެ. އެއީ އެމަނިކުފާނު ގެނެސްފެއްވި ތަރައްޤީގެ ވާހަކައެވެ. މީގެ ކުރިން ރާއްޖެ ދެކެފައިނުވާ އެތައް ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއްގެ ވާހަކައެވެ. އޭގެ ތެރޭގައި މާލޭ ފަންސަވީސް ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި، މާލެއާއި ހުޅުލެ އަދި ހުޅުމާލެ ގުޅާލާ ބްރިޖާއި ލިންކް ރޯޑާއި، ހުޅުމާލޭގައި ތަރައްޤީކުރަން ފެށި ހަތްހާސް ޔުނިޓްގެ ހައުސިންގ ފްލެޓްތަކާއި ހުޅުމާލޭ ދެވަނ ފިޔވަހި ފަދަ ބިޔަ މަޝްރޫޢުތަކަކީ ރައީސް ޔާމީންގެ މައްޗަށްކުރާ ކޮންމެ ތުހުމަތެއްގެ ދިފާޢުގައި އެމަނިކުފާނުގެ ސަޕޯޓަރުން ދައްކާ ހެއްކެވެ. އެއީ ތަރައްޤީކަމަށް ގިނަ ބަޔަކު ޤަބޫލުކުރާނެކަންވެސް ކަށަވަރެވެ. އެހެންނަމަވެސް އެއީ ހަޤީޤީ ތަރައްޤީހެއްޔެވެ؟ ނުވަތަ ރައްޔިތުންނަށް ހައްޤު މިންވަރު ހެއްޔެވެ؟

ދަރުމަވަންތަ ހޮސްޕިޓަލްގެ ފަންސަވީސް ބުރީގެ އައު ޢިމާރާތަކީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް "ފަރުވާއެއްކަމަށް"ދެކި އިންގިލާބީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި އޭރުގެ ސަރުކާރުން އެޅި ޢިމާރާތެކެވެ. ބަލައިލަން ކިތަންމެހާވެސް ރީތިވެފައި ފުރިހަމައެވެ. އެ ޢިމާރާތް ބިނާކުރުމަށް 240 މިލިއަން ޑޮލަރު ހޭދަކުރިއެވެ. މިއީ ކުޑަ އިންޓަރެސްޓްކާއެކު އެޅި އިމާރާތެއްކަމަށާއި، އެއީ އެފަދަ ޢިމާރާތަކަށް އެންމެ އެކަށޭނެ އަގުކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

އޭރުގެ އިދިކޮޅު ފަރަތްތަކުން ވިދާޅުވަމުން ގެންދެވީ އެ ޢިމާރާތަކީ އެންމެ ގިނަވެގެން 54 މިލިއަން ޑޮލަރަށް އެޅޭނެ ޢިމާރާތެއްކަމެވެ. އެ ވާހަކަތަކަށް ރައީސް ޔާމީން ދެއްވާ ފިނި ރައްދެއް އޮވެއެވެ. އެއީ އިދިކޮޅު ފަރާތްތަކުން އެ ޢިމާރާތް އެޅޭނެކަމަށް ބުނާ 54 މިލިއަން ޑޮލަރަށް އެޅޭނީ "ދަނޑިފަން" ނުވަތަ "ފަންތޮށި" ޢިމާރާތެއްކަމެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް އެމަނިކުފާނު އެހެން ވަރަށް ގިނަ ފަހަރު ވިދާޅުވެފައިވެއެވެ. ނަމަވެސް ގިނަ ރައްޔިތުން ޤަބޫލުކޮށްގެން ތިބީ 220 މިލިއަން ޑޮލަރަށް އެ ޢިމާރާތް ސަރުކާރުން އެޅުމަކީ ސިއްޙީ ނިޒާމަށް އަންނާނެ ބޮޑު ބަދަލެއްކަމަށާއި، އެ އަގުގައި މުޅި ސިއްޙީ ނިޒާމް ފުރިހަމަވެގެންދާނެކަމަށެވެ.

އެހެންނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެ ޢިމާރާތް މުޅިންނުނިމި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން އައުމާއެކު އެރީތި ޢިމާރާތުގެ ފޮރުވިފައިވާ އެތައް ކަމެއް ރައްޔިތުންނަށް ރައީސް ޞާލިޙް ވަނީ ތިލަކޮށްދެއްވާފައެވެ. އެއީ ނިމިދިޔަ މަޖިލިސް އިންތިޚާބުގެކެމްޕެއިންގެ ތެރެއިންނެވެ.

ރައީސް ޞާލިޙް ދަރުމަވަންތަ ހޮސްޕިޓަލް ސިފަކުރެއްވީ ޚިޔާނާތާއި ވައްކަން ދާއިމަށް ފެންނަންހުންނާނެ ބިނާއެއްގެ ގޮތުގައެވެ. ކުޑަޚަރަދަކުން ޢިމާރާތްކުރެވޭނެ ބިނާއެއްކަމަށް އެ ޢިމާރާތުގެ ކޮންސަލްޓެންސީ ދިން ކުންފުނިން ބުނެފައިވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަކީ 54 މިލިއަން ޑޮލަރަށް ކުރެވޭނެ ޢިމާރާތެއްކަމަށާ، ނަމަވެސް ކުރީ ސަރުކާރުން އެޢިމާތް ހެދުމަށާއި އެތަނަށް ބޭނުންވާ އިކުއިޕްމަންޓްގެ ޚަރަދަށް ދުއިސައްތަ ވިހި މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް ރައީސް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެ ޢިމާރާތުގެ ޚަރަދުގެ އިތުރުން ކުރިން ނޭގޭ ވާހަކައެއްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ އެ ޒަމާނީ ރީތި ޢިމާރާތަށް ސަރުކާރުން ގެނައި އިކުއިޕްމަންޓްތަކުގެ ވާހަކައެވެ. އެންމެ ފަހުގެ އިކްއިޕްމަންޓްތައް ނުވަތަ ރައީސްގެ ބަހުރުވައިންނަމަ " ގޯލްޑަން ސްޓޭޑަރޑްގެ އިކުއިޕްމަންޓް" ގަތުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކެނޑުމަށްފަހު އެތަނަށް ވައްދާފައިވަނީ އެންމެ ގަދީމީ އިހުގެ ބޮޑެތި އިކުއިޕްމަންޓްތަކުގެ ވާހަކައެވެ. އެކަމުން ކުރަންޖެހުނު އިތުރު ޚަރަދުގެ ވާހަކައެވެ. ރައީސް ވިދާޅުވެފައިވަނީ އެ އިކުއިޕްމަންޓްތައް އެ ހޮސްޕިޓަލަށް ވެއްދުމަށް ހުރިހާ ދޮރުތަކެއް ބަދަލުކޮށް "ސްލައިޑް" ދޮރުތަކަށް ބަދަލުކުރަން ޖެހިފައިވާކަމަށެވެ.

ކުރިން މި ހިނގަމުންދާ އޭޕްރީލް މަހު ހުޅުވުމަށް ސަރުކާރުން ނިންމެވި އެ ހޮސްޕިޓަލްގެ ބައެއްކަންކަން މުޅިން ނުނިމޭތީ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވޭނެ ވަކިތާރީޚެއް ނޭނގޭކަމަށް ސަރުކާރުން މިހާރު ވަނީ ވިދާޅުވެފައެވެ.

ދެން އޮތީ އަދި ރައްޔިތުން މާ އުންމީދީ މަޝްރޫޢުއެއްގެ ވާހަކައެވެ. ޒަމަންތަކަކަށްފަހު ރައްޔިތުންނަށް "ދެންމެ ދެންމެ" ލިބޭނެކަމަށް އުއްމީދުކުރި ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލު "ހިޔާ މަޝްރޫޢު"ގެ ވާހަކައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ޒުވާނުންގެ ޢުއްމީދީ ޝަހަރުގައި ބިނާކުރަންފެށި ފަންސަވީސް ބުރީގެ ހަތްހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރަން ފެށުމުން ރައްޔިތުން ތިބީ ބޯހިޔާވަހިކަމަށް ދާއިމީ ޙައްލެ ލިބުނީކަމުގެ އުއްމީދުގައެވެ.

އެ މަޝްރޫޢު ހިންގުމަށް އޭރުގެ ސަރުކާރުން ފައިނޭންސް ހަމަޖެއްސީ ރައްޔިތުން "މޯގޭޖް" ކުރުމަށްފަހު ނުވަތަ ރަހުނުކޮށްގެން ނެގި ލޯންގެ އެހީގައެވެ. ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނަށް އޭރުގެ ސަރުކާރުން ދިން 369 މިލިއަން ޑޮލަރު ނުވަތަ 5 ބިލިއަން ރުފިޔާގެ ސޮވެރިން ގެރެންޓީއާއެކުއެވެ.

160000 މީހުންނަށް އަމާޒުކޮށް ހަދާ އެ ހަތްހާސް ހައުސިންގ ޔުނިޓްގައި މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ދިރިއުޅެވެން ފެށޭނެކަމށް ކުރީގެ ސަރުކާރުން ވިދާޅުވިއެވެ. އެކި ފަންތީގެ އެކި ގިންތީގެ މީހުންނަށް އަމާޒުކުރި އެ ފްލެޓްތައް ދޫކުރުމަށް 16 ކެޓަގަރީއެއް ކަނޑައެޅިއެވެ. 2013ވަނަ އަހަރުން ފެށިގެން އަލަތު ކައިވެނިކުރި ފަރާތްތަކަށާ، ގެދޮރު ދަތި މާލޭގައި ދިރިއުޅޭ މީހުންނަށާއި، މިހެންގޮސް މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަނަށެވެ. ދިގު ކިއުތަކުގައި ޖެހިގެން އެތައް ރައްޔިތުންނެއް ފްލެޓް ހޯދުމަށް ވަގުތުތަކެއް ހޭދަކުރިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރުމުގެ ރަސްމިއްޔާތު އޮތް ދުވަހުވެސްމެއެވެ. ނާއިންސާފުން ޕޮއިންޓް ދީފައިހުރިކަންވެސް އެނގިތިބެއެވެ.

ސަރުކާރު ބަދަލުވުމާއެކު ރައްޔިތުން އުއްމީކުރި ގޮތާ ޚިލާފަށް އަނެއްކާވެސް އައު ކަންތައްތަކެއް އެ މަޝްރޫޢުތައް ބެލުމަށް އުފެއްދެވި ކޮމިޓީން ވަނީ ހާމަކޮށްދީފައެވެ. އެއީ ރައްޔިތުން ރަތްދަކާއަވީގައި ތިބެ އެތައް ވަގުތުތަކެއް ޤުރުބާންކުރުމަށްފަހު ހުށައެޅި ފޯމްތައް ހުރީ އެއްވެސް ބެލުމެއް ނެތި ގުދަންތެރެއަށް އުކާލާފައިކަމެވެ.

އެންމެ ހައިރާންކުރަނިވި ވާހަކައަކަށް ނިމިދޔަ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، "ހިޔާ" މަޝްރޫޢޫގައި ހިމެނޭ ހަތްހާސް ހައުސިންގ ޔުނިޓްގެ އިމާރާތްހުރީ އިންސާނަކު ދިރިއުޅެވޭނެ ފެންވަރަށްވުރެވެސް މާ ހާލު ދެރަކޮށްކަމަށެވެ. ރައީސް ވިދާޅުވީ، އެ ހަތްހާސް ފްލެޓްގެ ބަދަލުގައި އަލުން އެހެން ފްލެޓްތަކެއް ޢިމާރާތްކުރުންވެސް މާ ރަނގަޅުވާނެކަމަށެވެ. އެ ފްލެޓްތައް ތަޅާލަން އިކޮނޮމިކް ކައުންސިލްގައި ވިދާޅުވިކަމަށްވެސް ރައީސް "މަޒާޖީ" ގޮތެއްގައިނަމަވެސް ހިތްޕުޅު ހަމަނުޖެހުން ފާޅުކުރައްވާ ވިދާޅުވެފައެވެ. އަށްފޫޓް ނުވަފޫޓްގެ ކޮޓަރިއަކަށް އެނދަކާއި އަލަމާރިއެއް ވެއްދުމުން ދެން އެއްވެސް ތަންކޮޅެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ އެ މަޝްރޫޢުއަށް ބޮޑެތި ބަދަލުތަކެއް ގެންވަން ފަށްޓަވާފައެވެ. ހުރިހާ ފްލެޓްތަކަކީވެސް މިހާރު ޖާގަ ތަނަވަސް ތަންތަނަށް ހެދުމަށެވެ. އެއާއެކު އަނެއްކާވެސް ފްލެޓްތަކުގެ ޢަދަދު މަދުވެ އެތަން ނިމޭނެކަމަށްލަފާކުރި މުއްދަތު ފަހަނަ އަޅާ ދިޔައީއެވެ. މިހާރު ލަފާކޮށްފައިވަނީ އެ ފްލެޓްތައް ނިމޭނީ އެންމެ އަވަހަށްވެސް ނޮވެމްބަރު މަހުގެ ތެރޭގައިކަމަށެވެ.

ދެން އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވާހަކައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފައިވަނީ ދެހާސް ފަނަރަވަނަ އަހަރު ޖެނުއަރީމަހުއެވެ. މި މަޝްރޫއުގެ ދަށުން ބިންހިއްކައި ނިމިފައިވަނީ އެއަހަރު މާޗުމަހުގެ ފަހުކޮޅުއެވެ. ދެވަނަ ފިޔަވަހީގައި ދުއިސައްތަ ސާޅީސް ހެކްޓަރު ހުޅުމާލެއަށް އިތުރު ކޮށްފައިވެއެވެ. އެއާެކު މީހުން ދިރިއުޅެން ނުވެސްފަށާ އެ ބިމުގައި ޔާމީންގެ ސަރުކާރުން މަގުތައްވެސް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީކުރިއެވެ. މަގު ހެދުމުގެ މަޝްރޫޢުއަށް ސާޅީސް ޕޮއިންޓް ތިން މިލިޔަނަށްވުރެ ގިނަ ޔޫ.އެސް ޑޮލަރު ހޭދަކުރިއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 40.3 މިލިއަން ޑޮލަރުގެ ލޯންއެހީގެ ދަށުން ހިންގި މަޝްރޫޢުއެކެވެ.

މި ހުރިހާ މަޝްރޫޢުތަކަކީވެސް ތަރައްޤީއެވެ. އެކަމަކު މިއީ ހުރިހާ ރައްޔިތުންނަށް ގެނެސްދިން ތަރައްޤީއޭ ބުނެވޭނެ ޖާގަ އެބައޮތްހެއްޔެވެ؟ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން އެންމެ އަސާސީ ޚިދުމަތް ނުލިބޭ ރަށްތައް އަދިވެސް އެހައިމެ ގިނައެވެ. ފެނާއި ނަރުދަމާއާއި ބަނދަރެއް ނެތް އެތައް ރަށެއް އައިވެސް އެބަހުއްޓެވެ. މިއީ ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެ އަސާސީ ޚިދުމަތްތަކުގެ ވާހަކައެވެ. ބޮޑެތި ޢަދަދުތަކުން ޚަރަދުކޮށްގެން މާލެއަށް ގެނަންފެށި ތަރައްޤިގެ ބޮޑެތ މަޝްރޫޢތަކަށް ބޮޑެތި ލޯންތައް ނަގައިގެންވެސް އެ މަޝްރޫޢުތައް ހިންގަން ސަރުކާރުން މަސައްކަތްކުރިއިރު، މިއީ އެންމެ އިންސާފުވެރި ނިންމުންތޯ ސުވާލުކުރުމުގެ ޖާގައެބައޮތެވެ.

އަސާސީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރާއްޖެ އޮތީ އެންމެ ނިކަމެތި ޤައުމުތަކަށްވުރެވެސް 100 އަހަރު ފަހަތުގައިކަމަށާއި، އެއީ ކުރީ ސަރުކާރުތަކުގެ އެންމެ ބޮޑު އިޙްމާލުކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ. ރާއްޖެ ތަރައްޤީ ކުރެއްވުމަށް ވަރަށްގިނަ ކަންތައްތަކެއް ހިންގިނަމަވެސް އެންމެ އަސާސީ ޚިދުމަތްތައް ނުދީ، މަޝްރޫޢުތައް ރާއްޖޭގައި ނުކުރެވި އޮތީ ކީއްވެތޯ އެމަނިކުފާނުވަނީ ސުވާލުކުރައްވާފައެވެ.

ރައްޔިތުން ޓެކްސްވެސް ދައްކަމުންދާއިރު އެހެންނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ގިނަ ރަށްތަކަށް ނުލިބޭއިރު އިސްވެ ފާހަގަކުރި މަޝްރޫޢުތައް ހިންގުމަށް ބޮޑު ޢަދަދުތަކުން ރާއްޖެ ދަރަނިވެރި ކުރުވިއިރު، އެ ފައިސާއިން ރާއްޖޭގެ ކިތައް ރަށުގައި އެންމެ އަސާސީ ޚިދުމަތް ފޯރުކޮށްދެވުނީސް ހެއްޔެވެ؟ ދުވަހަކުވެސް ބަނދަރެއް ނުހަދާ ނ.ހެނބަދޫއާއި އދ.ހިމަންދޫ ފަދަ ރަށްރަށުގައި ބަނދަރު އަޅާ ކިތައް ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރެވުނީސް ހެއްޔެވެ؟ ނަވާރަވަނަ ގަރުނުގެ ތެރޭގައި އެހެން ޤައުމުތަކުގައި ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ނިންމާފައިވީ ނަމަވެސް ތަރައްޤީގެ ޕްލޭންގައި ރާއްޖެ އުޅޭނީ އެހެން ޤައުމުތަކަށްވުރެ ސަތޭކަ އަހަރު ފަހަތުގައިކަމަށް ރައީސް ޞާލިޙް ވިދާޅުވީ ހަޤީޤަތުގައިވެސް ރާއްޖެ އަސާސީ ޚިދުމަތުގައި އެންމެ ފަހަތުގައި އޮތުމުންކަމަށް މިހާރު ޤަބޫލުކުރެވޭނެއެވެ.