ޚަބަރު

ސްޕޯޓްސް މެނޭޖްމަންޓްއިން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި


ލޯން އެހީގެ ދަށުން ސްޕޯޓްސް މެނޭޖްމަންޓްއިން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަންއިން ކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުން ސްޕޯޓްސް މެނޭޖްމަންޓްއިން މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ކަނޑައެޅިފައިވާ ގައުމުތަކަކަށެވެ. އެއީ ސާރކް ގައުމުތަކާއި ޗައިނާ، ފިލިޕީންސް، ތައިލެންޑް އަދި މެލޭޝިޔާއިންނެވެ.

ޔޫތް މިނިސްޓްރީއިން ބުނީ ސްޕޯޓްސް ހިންގުމުގެ ދައިރާއިން މަތީ ތަޢުލީލް ހާސިލްކޮށްފައިވާ މީހުން ރާއްޖޭގައި ވަރަށް މަދުކަމަށާއި މިއީ ޔޫތް މިނިސްޓްރީއިން އެދިގެން މިފަހަރު ލިބުނު ފުރުސަތެއްކަމަށެވެ. އަދި މިއީ ކުޅިވަރުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ ކަމެއްކަމަށްވެސް ޔޫތް މިނިސްޓްރީއިން މަޢުލުމާތުދެއެވެ.

ކުޅިވަރު ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ ރާއްޖޭގައި އަމަލީ ގޮތުން މަސައްކަތް ކުރާ ހަމައެކަނި އިންޓަރނޭޝަނަލް ބީޗް ރެފްރީ ހުސެއިން މުހައްމަދު ބުނީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ބޭނުންކަމަށްވާނަމަ، މިދާއިރާއިންވެސް ކިޔަވައިގެން ތިބި މީހުން ބޭނުންވާކަމަށާއި ކުޅިވަރުގެ ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކޮށްފައިވާ ފަރާތްތަކެއް ބިނާ ކުރުން މުހިންމުކަމެއްކަމަށެވެ. ރާއްޖޭގެ ކުޅިވަރުގެ މެނޭޖްމަންޓްގެ ދައިރާއިން ނުވަތަ ކުޅިވަރު ހިންގުމުގެ ދާއިރާ ހަރުދަނާ ކުރެވިގެން ނޫނީ ކުޅިވަރު ކުރި ނާރާނެކަމަށްވެސް ހުސެއިން ބުންޏެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް ވިދާޅުވީ ސްޕޯޓްސް މެނޭޖްމަންޓް ކިޔެވުމުގެ ފުރުސަތު ހުޅުވިގެން ދިއުމަކީ ކުޅިވަރުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިދާއިރާއިން ޖޮބް މާކެޓެއް ގާއިމް ކުރެވިއްޖެނަމަ، ގިނަ ކުދިންތަކެއް މިދާއިރާގައި މަސައްކަތް ކުރުމަށްވެސް ޝައުގުވެރިކަން ފާޅުކުރާނެކަމަށެވެ. އަދި ސްޕޯޓްސް މެނޭޖްމަންޓްއިން ކިޔަވައިގެން އަންނަ ކުދިންނަށް ރަގަނޅު މުސާރައެއްވެސް ލިބުމަކީ މިދާއިރާ ކުރިއަރައިގެން ދާނެކަމެއްކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް ވިދާޅުވިއެވެ.