ދީން

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ


ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން އެ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އަދި އެގޮތަށް ފާހަގަކުރެވޭ ތަންތަނުގައި ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގައި މި އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ހުރިހާ ވަޢުދުތަކެއް އެ މިނިސްޓްރީން ވަނީ ފުއްދަވާފައެވެ. އެގޮތުން ފަރްޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖައްސާފައިވާއިރު، މިސްކިތްތަކުގައި ކީރިތި ޤުރުޢާން ކިޔަވައިދިނުމުގެ ޕްރޮގްރާމްވެސް ވަނީ ފަށާފައެވެ. އަދި ކަނޑައެޅޭ ވަކި މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އިޔާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީކުރުމުގެ މަޝްރޫޢުވެސް އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.