ސިޔާސީ

32 އޮޑިޓް ރިޕޯޓެއް މަޖިލީހުން ފާސްކޮށްފި


ސަރުކާރުގެ އެކި މުއައްސަސާތައް އޮޑިޓުކުރުމަށްފަހު މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓްތަކުގެ ތެރެއިން 32 ރިޕޯޓެއް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 2007 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް އޮޑިޓްކުރުމަށްފަހު މަޖިލީހަށް ފޮނުވާފައިވާ 101 ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު ވަނީ މަޖިލީހުގެ ތަޅުމަށް މިއަދު ހުށައަޅާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ވުޒާރާތަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި އެނޫންވެސް ސަރުކާރުގެ އިދާރާތަކުގެ އޮޑިޓް ރިޕޯޓްތައް ހިމެނެއެވެ.

ވަކިވަކިން މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވި އެ ރިޕޯޓްތަަކަށް ވޯޓަށް އަހާފައިވާއިރު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 32 އޮޑިޓް ރިޕޯޓެކެވެ. 69 ރިޕޯޓެއް އަދި ފާސްކޮށްފައެއްނުވެއެވެ.

ގިނަ އަހަރުތަކެއަވަންދެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތަޅުމަށް ހުށަނާޅަ ބެހެއްޓުމަށްފަހު ކުއްލިގޮތަކަށް މިއަދުގެ ޖަލްސާއަށް އެ އޮޑިޓްރިޕޯޓްތައް ހުށައެޅުމުން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު ވިދާޅުވީ، ގިނަ އަހަރުތަކެއްވެފައިވާ އޮޑިޓް ރިޕޯޓްތައް ތަޅުމަށް ހުށައެޅުއްވީ ކޮމިޓީގައި ފުނިޖެހިފައިވާ މަސައްކަތްތައް ނިންމާލުމަށްކަމަށެވެ. އެއީ އެމަނިކުފާނު ކޮމިޓީގެ މުޤައްރިރަކަށް ވަޑައިގަތުމުގެ ކުރިން ހުށައަޅުއްވާފައިވާ ރިޕޯޓްތަކެއްކަން ފާހަގަކުރައްވާ ނާޝިދު ވިދާޅުވީ، އެއްވެސް އޮޑިޓް ރިޕޯޓެއްގައި މައްސަލައެއް ނުހުންނާނެކަމަށެވެ.

އޮޑިޓް ރިޕޯޓްތަކުގެ އިތުރުން މިއަދުގެ ޖަލްސާއަށް 12 ބިލެއްގެ ފުރަތަމަ ކިއުން އިއްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލާއި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އިންތިޤާލީ ޢަދާލަތުގެ ބިލާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލްވެސް ހިމެނެއެވެ.