ވިޔަފާރި

އެއްވެސް ކަސްޓަމަރެއްގެ އެކައުންޓުން 2 ފަހަރު ފައިސާއެއް ނުކަނޑަން- ބީއެމްއެލް


ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އެއްވެސް ކަސްޓަމަރެއްގެ އެކައުންޓުން އެއް މުޢާމަލާތަކަށް ދެ ފަހަރު ފައިސާ ކަނޑާފައިނުވާނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކުރީ، މާ ކުރިން ކުރި ވިޔަފާރިތަކަކަށް ބައެއް ފަރާތްތަކުގެ އެކައުންޓުން މިހާރު ފައިސާ ކެނޑެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށް ނެރެފައިވާ ބަޔާނުގައެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ހުޅުމާލޭ ލިންޗްޕިން ފިހާރައިން މީގެ އަހަރެއްހާ ދުވަސްކުރިން ކޮށްފައިވާ ވިޔަފާރިތަކަށް މިހާރު އެކައުންޓުން ފައިސާ ކަނޑަމުންދާކަމަށެވެ. މިކަމާ ގުޅޭގޮތުން ބެންކުން ބުނެފައިވަނީ އެ ފައިސާ އެކައުންޓްތަކުން ކަނޑަމުންދަނީ މީގެ ކުރިން އެކައުންޓްތަކުން އެފައިސާ ނުކެނޑި ހުރުމުންކަމަށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރުމަހުން ފެށިގެން ލިންޗްޕިން ފިހާރައިން ކޭޝް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރި ބައެއް ފަރާތްތަކުގެ އެކައުންޓުން ފައިސާ ނުކެނޑި ހުރިކަން މީގެ ހަފްތާއެއް ކުރިން އެ ފިހާރައިން ބެންކަށް އަންގާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ބޭންކުގެ އެހީތެރިކަމާއެކު ސެޓްލްމަންޓްގައި ދިމާވެފައިވާ މައްސަލަ ހައްލުކޮށް، އެ ފިހާރައިން ވިޔަފާރިކޮށްފައިވާ ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކަނޑާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އެކައުންޓުން ފައިސާ ކެނޑުން ލަސްވި ސަބަބު ކަސްޓަމަރުންނަށް އަންގަމުންދާކަމަށެވެ. އަދި ކަސްޓަމަރުންގެ އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ އެ މުއްދަތުގައި ކޮށްފައިވާ ވިޔަފާރިތަކަށް އެ ފިހާރައަށް ދައްކަން ޖެހޭ ފައިސާކަމަށާއި، އެ ފައިސާއަކީ ކަސްޓަމަރުންގެ އެކައުންޓުން ކުރިން ކެނޑިފައިވާ ފައިސާއެއް ނޫންކަމުގެ ޔަޤީންކަން ދޭކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު އެކައުންޓުން ފައިސާ ކަނޑާފައިނުވާކަމަށާއި ކާޑު މެދުވެރިކޮށް އެއްވެސް ހާލަތެއްގައި ކަސްޓަމަރަކު ނުކުރާ މުއާމަލާތަކަށް ފައިސާ ކަނޑައިފިނަމަ ބެންކުން އެކަމެއް ބަލާ، ކަސްޓަމަރުންގެ ޙައްޤުތައް ހޯދައިދޭނެކަމަށެވެ.

މިދިޔަ އަހަރު ތެރޭ ބޭންކުގެ ކަސްޓަމަރުން 39 މިލިއަން މުއާމަލާތް ކޮށްފައިވާއިރު މީގެ ތެރެއިން 98 އިންސައްތައަކީ ބޭންކުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކޮށްފައިވާ މުއާމާލާތްތަކެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.