ޚަބަރު

ޔުނައިޓެޑާއިއެމު ވަރަށް ސަމާލުވާން ޖެހޭ - ވަލްވާޑޭ



މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުން ބާސެލޯނާ ކަޓުވާލަފާނެ ކަމަށާއި އެކަމާމެދު ވަރަށް ބޮޑަށް ފަރުވާތެރިވެ ތިބެން ޖެހޭ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

ކޯޗު އާނެސްޓޯ ވަލްވާޑޭ މިހެން ބުނީ އޭނާގެ ޓީމު ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ ދެ ވަނަ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ވަލްވާޑޭ ބުނީ އަމިއްލަ ދަނޑަށް 1-0ގެ ލީޑަކާ އެކު ނުކުންނަން ޖެހޭނީ ކުރީގެ މެޗުތަކުން އިބްރަތް ހާސިލްކޮށްގެން ކަމަށެވެ. ވަލްވާޑޭ ބުނީ ޔުނައިޓެޑަކީ ޕީއެސްޖީ ކަޓުވާލި ޓީމެއްކަމުން އެކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށެވެ. ހާއްސަކޮށް މިދިޔަ އަހަރު ބާސެލޯނާ ކަޓައިގެން ދިޔަގޮތް ކުޅުންތެރިން ހަނދާނަށް ގެންނަންޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ.

އަދި މެޗުގައި ކުޑަކޮށްނަމަވެސް ފަރުވާކުޑަކޮށްފިނަމަ ޔުނައިޓެޑް ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ވަލްވާޑޭ ބުންނެވެ. މި މެޗަށް ނުކުންނައިރު ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޯލްޝަޔާ ވެސް ވަނީ ބާސެލޯނާ ކޮޅަށް ގޯލު ޖަހާނެ ކަމަށް ބުނެފައެވެ.