ވިޔަފާރި

މާޗްމަހު އިމްޕޯޓް ދަށްވިނަމަވެސް އެކްސްޕޯޓް އިތުރުވެއްޖެ


ހުސްވި މާރޗްމަހު ރާއްޖޭގެ އިމްޕޯޓް ދަށަށްދިޔަ ނަމަވެސް އެކްސްޕޯޓް އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި މާޗްމަހު ރާއްޖެއިން 341 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހާއި އަޅާބަލާއިރު، %39 އިތުރުވުމެކެވެ. ތަފާސްހިސާބަށް ބަލާއިރު 2018 ވަނަ އަހަރުގެ މާޗްމަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު އުޅެނީ، 246 މިލިއަން ރުފިޔާގައެވެ.

މާޗްމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރި ޤައުމުތަކަކީ، ތައިލެންޑް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އެމެރިކާ އަދި އިނގިރޭސިވިލާތެވެ.

ދިވެހިރާއްޖެއަކީ އިމްޕޯޓްކުރާ މުދަލަށް ބަރޯސާވާ ޤައުމެކެވެ. މައިގަނޑު ގޮތެއްގައި އަހަރުން އަހަރަށް ބަލާއިރު، ކޮންމެ މަހަކުވެސް ރާއްޖޭގެ އިމްޕޯޓް އިތުރުވަމުން ދެއެވެ.
ނަމަވެސް މިދިޔަ މާޗްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އިމްޕޯޓް ވަނީ، އޭގެކުރީ މާޗްމަހާއި އަޅާބަލާއިރު %9 ދަށަށްގޮސްފައެވެ. ހުސްވި މާޗްމަހު ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރު މިއަދަދު އުޅެނީ، 4.5 ބިލިއަން ރުފިޔާގައެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެގިނައިން މުދާ އެތެރެކުރި ޤައުމުތަކަކީ، ސިންގަޕޫރު، ޔޫއޭއީ، ޗައިނާ އަދި އިންޑިއާ، އަދި އަޔަލޭންޑެވެ.

ހުސްވި މާޗުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ޤައުމުތަކުގެ ލިސްޓުގައި އަޔަލޭންޑް ހިމެނުނަސް އެޤައުމަކީ އާއްމުކޮށް އެންމެގިނައިން ރާއްޖެއަށް މުދާ އެތެރެކުރާ ލިސްޓްގައި ހިމެނޭ ޤައުމެއް ނޫނެވެ. މިފަހަރު މި ލިސްޓްގައި އަޔަލޭންޑް ހިމެނިފައިވަނީ، 345 މިލިއަން ރުފިޔާގެ އެއަރކްރާފްޓެއް އެޤައުމުން އިމްޕޯޓްކޮށްފައިވާތީއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުސްވިމަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތައް 267 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2018 އަހަރުގެ މާޗްމަހާއި އަޅާބަލާއިރު، %4 ދަށް އަދަދެކެވެ. ހުސްވިއަހަރުގެ މި މުއްދަތުގެ ދައުލަތަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ، 277 މިލިއަން ރުފިޔާއެވެ.