ޚަބަރު

ރާއްޖޭގެ ހުރިހާ ޕޯޓް ތަކަކަށް ބޯޑަރ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ އައު ސޮފްޓްވެއަރއެއް


ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ސިސްޓަމަށް ގެންނަ އަޕްޑޭޓްތަކާއެކު ރާއްޖޭގެ ވައިގެ ބަނދަރުތަކާއި ހުރިހާ ސީ ޕޯޓްތަކެއްގެ ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އިމިގްރޭޝަން އޮފިސަރުންނަށް ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ނިޒާމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް އެކަމާއި ގުޅުންހުރި ކަންބޮޑުވުންތައް ޙިއްސާކުރުމުން އެކަމަށް އަވަސްޙައްލެއް ލިބިގެން ދިއުން އެއީ ފާހަގަ ކުރަންޖެހޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރަމުން އަންނަ ހުރިހާ ހާޑްވެއަރތަކާއި ސޮފްޓްވެއަރތައް ބަދަލުވެގެން ދާނެކަމަށާ ޢާންމުންނަށްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.

އެމެރިކާގެ ކަމާއި ގުޅުންހުރި ތަޖުރިބާކާރުން ކުރިއަށްގެންދާ މި ޓްރެއިނިންގައި އިމިގްރޭޝަންގެ ހުރިހާ މުވައްޒަފުން ބައިވެރިވާނެކަމަށް މަޢުލޫމާތުލިބެއެވެ. ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙަންމަދު އަޙްމަދު ހުސައިން ވިދާޅުވީ އިމިގްރޭޝަނުން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރާނެކަމަށެވެ.

އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމަކީ ޑިވައިސް ތަކާއި ސޮފްޓްވެއަރތައް ބޭނުންކުރާނެގޮތް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޓްރެއިނިންގއެކެވެ. ދެ ހަފްތާއަށް ކުރިއަށްދާ މި ޓްރެއިނިންގ ރަށްރަށަށް ގޮސްގެން އެރަށްރަށުގެ މުވައްޒަފުންނަށްވެސް ހިންގާނެކަމަށް އިންތިޒާމް ކުރާ ފަރާތުން ވިދާޅުވެއެވެ.