ދީން

ވާރޭ ނުވެހި ގިނަދުވަސް ވާތީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އިސްތިސްޤާ ނަމާދުކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭނުވެހި ގިނަދުވަސްވެ، ރައްޔިތުން ފެނަށް ޖެހެމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްޤާ ނަމާދުކޮށްފިއެވެ.

މާލޭގައި މި ނަމާދުކޮށްފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް، އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި މި ނަމާދުކޮށްފައިވަނީ އެ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައެވެ.

ދެ ރަކުވަތުގެ މި ނަމާދަށްފަހު ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ޚުޠުބާގައި ވަނީ ފެނަށް ދަތިވެ، ނުތަނަވަސްކަން ރަށުތެރެއަށް ފެތުރިފައިވާތީ، މިކަމުން މިންޖު ކުރައްވާތޯ މާތްﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމަށް ގޮވާލާ، ފާފައެއް ކުރެވިފައިވާނަމަ އެ ފާފައަކުން ތައުބާވެ، ދެވަނަ ފަހަރަށް އެފަދަ ފާފައަކަށް އަރައި ނުގަތުމަށް ޢަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެފައެވެ. އަދި އީމާންވެ ތަޤްވާވެރިވާނަމަ، އުޑުންނާއި ބިމުން، ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވާނެކަން ކީރިތި ޤުރުޢާނުގައި މާތްﷲ ވަހީކުރައްވާފައިވާކަން ފާހަގަކުރައްވާ މާތްﷲ އަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮގޮތުގައި ތައުބާވެ އިސްތިޣްފާރު ކުރުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

"މާތްﷲ އަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮގޮތުގައި ތައުބާވެ، އިސްތިޣްފާރު ކުރާށެވެ! އެކަލާނގެ ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަލާނގެ ޙައްޤުގައި ތިމާއަށް ކުރެވިފަިއވާ އުނިކަންތައްތައް ހިތްމައްޗަށް ގެނެސް، ފާފަ ފުއްސަވައިދެއްވުން އެދޭށެވެ! އެކަލާނގެއީ ޙާލުގައި ޖެހިފައިވާ މީސްތަކުންގެ ޙާލަތު ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ! އެކަލާނގެ ރަޙްމަތަށް އެދޭށެވެ!" ޚުޠުބާގައި ގޮވާލެއްވިއެވެ.

މި ޚުޠުބާގައި މާތްﷲ އަށް އިޚްލާޞްތެރިކަމާއެކު އިސްތިޣްފާރުކުރުން އިތުރުކޮށް، މާތްﷲ އަށް ތައުބާވެ، ހިތްނިޔަތް ޚާލިޞްކުރުމަށް ތަކުރާރުކޮށް ވަނީ ގޮވާލައްވާފައެވެ. އަދި ދުޢާ އިޖާބަކުރައްވާނެކަމުގެ ޔަޤީންކަމާއެކު އެކަލާނގެއަށް ދުޢާކުރުމަށާއި، އެއްވެސް އަޅެއްގެ އެދުން އެކަލާނގެ ގެއްލެނި ނުކުރައްވާނެކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

މި ޙާލަތުގައި އެންމެ އައުލާވެގެންވަނީ އިސްތިޣްފާރުކުރުން ގިނަކުރުން. އެކަމުގެ ސަބަބުން މާތްﷲ، އެކަލާނގެ ދެއްވާ ބަރަކާތްތެރި ރިޒްޤު އިތުރުކޮށްދެއްވާ. ވާރޭ ވެއްސަވައި ދެއްވާ. އަނބިދަރިންގެ ކަންތައްތައް ހެޔޮކޮށްދެއްވާ. ގަސްގަހާގެހި ފަޅުއްވައި، އެތަކެތިން ގޮވާމާއި މޭވާ ނެރުއްވާ.. އެކަލާނގެއަށް އިޚްލާޞްތެރިވާ އަޅުތަކުންނަށް ރިޒްޤު ތަނަވަސްކޮށްދެއްވާ" ޚުޠުބާގައި ބުނެފައިވެއެވެ.

ފެން ލިބުން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވާނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުޢާކުރުމަކީ ސުއްނަތްވެގެންވާ ކަމެކެވެ. މި ނަމާދު ކުރަނީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެގެންނެވެ. އިސްތިސްޤާ ނަމާދަށްފަހު ދިން ޚުޠުބާގައްޔާއި، ނަމާދަށްފަހުވެސް ވަނީ ވާރޭ ވެއްސަވާތޯ ދުޢާކޮށްފައެވެ.