ސިޔާސީ

އެންއައިސީގެ މެންބަރުކަމަށް 26 ބޭފުޅުން، ނަންތައް ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި


ހުސްވެފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް 26 ބޭފުޅަކު ކުރިމަތިލައިފިއެވެ. މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްޓަކައި މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މުޙައްމަދު ފަރުހާދު އެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

އެ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، ނުވަތަ އެފަދަކަމެއް ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަޙުޤީޤުކުރުން ޤާނޫނަކުން ބާރުދީފައިވާ ކޮމިޝަނެކެވެ.