ސިއްހަތު

ހިލޭ ތެލެސީމިއާއަށް ޓެސްޓްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަނީ!


ތެލެސީމިއާ ޓެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް، އެޙިދުމަތް ހިލޭ ހޯދޭނެ ޕްރޮގްރާމެއް ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން "ޝީ"ން ކުރިއަށް ގެންދަން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އޮންނާނީ 28 އޭޕްރިލްގައެވެ. ޝީ ބިލްޑިންގގައި އެދުވަހުގެ ހެނދުނު 8:30ން 4:00 ށް ކުރިއަށްދާ މި ހަރަކާތުގައި ދިހަ އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އަލަށް ޓެސްޓް ކުރާނަމަ ހިލޭ ކުރެވޭނެ ކަމަށް ޝީން ބުނެއެވެ. ޝީން ބުނީ ތެލެސީމިއާއަށް ޓެސްޓު ކުރަން ބޭޏުންވާ ފަރާތްތަކުން 7989147 ގުޅައިގެން ރެޖިސްޓްރީ ކުރުން ކުރިއަށް ގެންދެވޭނެ ކަމަށް ޝީން ބުނެއެވެ. އަދި ޝީ ބިލްޑިންއަށް ގޮސްގެންވެސް ރަޖިސްޓްރީ ކުރެވޭނެކަމަށް މައުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތުދެއްވަމުން ޝީގެ އޮފިޝަލަކު ވިދާޅުވީ ތެލެސީމިއާއަށް ޓެސްޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޝީގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް އެ ޙިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހާއި ގުޅިގެން ޝީން ކޮންމެ އަހަރަކުވެސް ހިލޭ ތެެލެސީމިއާއަށް ޓެސްޓްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދެއެވެ. ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާޙަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް މޭމަހުގެ 8ވަނަ ދުވަހުއެވެ.