ކުޅިވަރު

ޝަމްސުއްދީނާއި ޝަރަފުއްދީން އެއްވަރުވެ، މަރަދޫ ސްކޫލަށް މޮޅެއް

މަމެން އައްޑޫ އިންޓަރ ސްކޫލް 12 އަހަރުން ދަށުގެ އިއްޔެ ކުޅުނު މެޗުން މަރަދޫ ސްކޫލް މޮޅުވިއިރު ޝަމްސުއްދީން ސްކޫލާއި ޝަރަފުއްދީން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދާ މިމުބާރާތުގައި އިއްޔެ ފުރަތަމަ ކުޅުނީ މަރަދޫ ސްކޫލާއި ފޭދޫ ސްކޫލުގެ މެޗު. މިމެޗް މަރަދޫ ސްކޫލުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާ އަކުންނެވެ. މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވެ މަރަދޫ ސްކޫލުގެ މުހައްމަދު ޝަޔަން ވަނީ އެސްކޫލަށް ކުރި ހޯދަދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މަރަދޫ ސްކޫލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައިއެވެ. މިމެޗުގެ ދެވަނަ ހާފު ފެށިގެން އެޓީމުން އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. މެޗު ނިމުމުގެ ކުރިން މަރަދޫ ސްކޫލުގެ 3 ވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް ދާއިން ރަޝީދުއެވެ. މެޗަށް ފަހު މަރަދޫ ސްކޫލުން ބުނެފައިވަނީ އެޓީމުގެ ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމާށާއި ކުޅުންތެރިންގެ ކުޅުން ރަނގަޅު ކަމަށެވެ. ޕީއެސްއެމްއާއި ވާހަކަ ދައްކަމުން ފޭދޫ ސްކޫލުގެ ކޯޗުވެސް ވަނީ ލިބުނު ނަތީޖާ އާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ޕްރެކްޓިސް މަދުވިތަން ވަރަށް ބޮޑަށް މެޗުން ފެނިގެންދިޔަކަން ފާހަގަކޮށްފައިއެވެ.
މުބާރާތުގެ އިއްޔެ ދެވަނަ އަށް ކުޅުނީ ޝަމްސުއްދީން ސްކޫލް އަދި ޝަރަފުއްދީން ސްކޫލުގެ މެޗެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗްގައި ޝަރަފުއްދީން ސްކޫލުން ރަނގަޅު ކުޅުމެއް ވަނީ ދައްކާފައިއެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު އެ ސްކޫލަށް ޖަހައިދިނީ އަލީ ފާރިހް ޖަމާލްއެވެ. ނަމަވެސް ޝަމްސުއްދީނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮއްފައިއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރީން ޝަރަފުއްދީނުން އިތުރު 2 ލަނޑުޖަހާފައިއެވެ. މެޗުގެ ދެވަނަ ހާފުގައި ޝަމްސުއްދީން ވަނީ ކުޅުން ރަނގަޅުކޮށް ޝަރަފުއްދީން ގޯލަށް ހަމަލާތަށް ގިނަކޮއްފައިއެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ހަސަން ޒާމިލް ވަނީ ޝަމްސުއްދީންއަށް އިތުރު ލަނޑެއް ޖަހައިދީފައިއެވެ. މެޗު ނިމުމުގެ ކުރީން ޝަމްސުއްދީން ވަނީ ފަހަތުން އަރާ ޝަރަފުއްދީނާއި އެއްވަރު ކޮއްފައިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗް ނިމިގެން ދިޔައީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. ޝަރަފުއްދީން ޓީމުގެ ކޯޗު ހަސަން ރަޝީދު މެޗަށް ފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ ޝަރަފުއްދީނަށް ކުރިއަށް އޮތް މެޗުން މޮޅުވުން މިނަތީޖާއާއި އެކު މަޖުބޫރު ވެފައިވާ ކަމަށެވެ.
މިމުބާރާތުގައި މިއަދު ބައްދަލު ކުރާނީ 16 އަހަރުން ދަށުގެ އުމުރުފުރާގައި އިރުޝާދީއްޔާ ސްކޫލާއި ހިތަދޫ ސްކޫލެވެ.