ސިއްހަތު

ސިއްހަތުދުވަސް ފާހަގަ ކުރުމަށް ހާއްސަ ފެއަރއެއް ބާއްވައިފި


ދުނިޔޭގެ ސިއްހަތުދުވަހާއި ގުޅުވައިގެން އާޓިފިޝަލް ބީޗްގައި މިއަދު ހަވީރު ފެއަރއެއް ބާއްވައިފިއެވެ.ސިއްހީ ތަފާތު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މި ފެއަރގައި ތަފާތު ސްޓޯލްތައް މެދުވެރިކޮށް ވަރަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދީފައިވެއެވެ.ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅުވައިގެން ބޭއްވި މިފެއަރގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާނޭ ސިއްހީ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި މި އަހަރުގެ  ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރު ކަމުގައިވާ " ދަނޑުން ސުފުރާއަށް، ކާނާ ރައްކާތެރި ކުރަމާ" މި ޝިއާރު ފާޅުކުރުމާއި، ޝިއާރުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމެވެ.މި ފެއަރގައި މައިގަނޑު ތިން ހަރަކާތެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ސްޓޯލްތައް މެދުވެރިކޮށް ތަފާތު ގިނަ މައުލޫމާތުތަކެއް އާންމުންނަށް ދީފައިވެއެވެ.ސްޓޭޖްމަތިން ފެނިގެންދިޔަ އިބްރަތްތެރި ކުރު ތަމްސީލްތައް ހުށައަޅައިދިނީ އިމާދުއްދީން ސުކޫލްގެ ދަރިވަރުންނެވެ. ތިން ތަމްސީލެއް ފެނިގެންދިޔައިރު، ކޮންމެ ތަމްސީލަކުންވެސް އެތައް މައުލޫމާތެއް ފޯރުކޮށްދީފައިވެއެވެ.ސްޓޯލްތަކާއި، ސްޓޭޖް ތަމްސީލްތަކުގެ އިތުރުން، ކުޑަކުދިން ސައުގުވެރި ވާނެ ކުޅިވަރުގެ ހަރަކާތްތައް މެދުވެރިކޮށްވެސް ސިއްހީ މައުލޫމާތުތަކެއް ފޯރުކޮށްދެވުނެވެ.މިފެއަރގައި ސިއްޙަތު ދުވަހުގެ ޝިޢާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދުވަނީ ރައްކާތެރި ކާނާ ކެއުމަށް ދިވެހިން ސަމާލުކަންދޭ މިންވަރާއިމެދު ސުވާލު އުފައްދަވާފައެވެ.ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ ހަތްވަނަ ދުވަހެވެ.މި ދުވަސް ފާހަގަކުރުމަށް މިއަދު ޢާއިލީ ހަވީރެއް ބާއްވާފައިވާއިރު، ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތޭރަ ވަނަ ދުވަހުގެރޭގައެވެ.