ސިޔާސީ

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނަށް އެއްބާރުލުން ދިނުމުގައި - މިނިސްޓަރ ޝާހިދު


ބައިނަލްއަޤްވާމީ މަސްރަޙްގައި ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ރާއްޖެ އޮންނަ އޮތުން ކުރިއަށްއޮތްތަނުގައިވެސް އޮންނާނީ އެގޮތުގައިކަމުގެ ޔަޤީންކަން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

މިނިސްޓަރ އެ ޔަޤީންކަން ދެއްވާފައިވަނީ، ފަލަސްތީން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވަލީދު އޭ.އެމް. އަބޫޢަލީ އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފޮރިންގ މިނިސްޓަރ ވަނީ ފަލަސްޠީނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. މިނިސްޓަރުގެ ވަހަކަފުޅުގައި އައު ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވަކަމަށްވެސް ވިދާޅުވިއެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދު ކުރައްވާކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ދެބޭފުޅުންވަނީ ދެޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރާއްޖެއާއި ފަލަޠިނާދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 4 އޭޕްރީލް 1982 ގައެވެ.