ޚަބަރު

ދިވެހިބަހުގެ އެކި ބަހުރުވަތައް ދިރުވައި އާލާކުރަންޖެހޭ - މިނިސްޓަރ ޔުމްނާ


ދިވެހި ބަހުގެތެރޭގައި ހިމެނޭ ބަހުރުވަތައް ދިރުވައި އާލާކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދިވެހި ބަހުގެ ދުވަހާގުޅިގެން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ދެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ ބަހުގެ ދުވަހެއް ފާހަގަކުރަމުންދާއިރު ރާއްޖޭގައި ބޭނުންކުރާ ބަހުރުވަތައްވެސް ދިރުވައި އާލާކުރަންޖެހޭކަމަށެވެ. އަދި އެއީ ދިވެހިބަހަށް ލިބިފައިވާ އިތުރު މުއްސަނދިކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބަހުގެ ދުވަހާގުޅިގެން ދެއްވި ޚިޠާބުގައެވެ. މިޚިޠާބުގައި މިނިސްޓަރ ވިދާޅުވީ ބަހެއް، ނެތިދިޔުމުގެ އެއް ސަބަބަކަށް އެބަހެއް ބޭނުންކުރަން ތިބި މީހުންގެ ޢަދަދު މަދުވުން ހިމެނޭއިރު ދިވެހި ބަހަށްވެސް މި ގޮންޖެހުން އޮތްކަމަށެވެ. އެހެންކަމުން ދިވެހި ބަސް ދިރުވައި އާލާކުރުމަށް ދިވެހިން ވަރަށްބޮޑަށް މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ބަސް ކުރިއެރުވުމަށްޓަކައި ބަހަކީ ޒުވާނުން ޝަޢުގުވެރިވާނެފަދަ އެއްޗަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޓެކްނޮލޮޖީއާއި ބަސް ރައްޓެހިކޮށް އެކަމާމެދު ޒުވާނުންގެ ޚިޔާލު ހޯދާއި އެކަން ކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިއްމުކަމެއްކަމުގައެވެ.

ބަހަށް ދިމާވެގެން އުޅޭ މައްސަލަ ޙައްލުކުރުމަށް ސްކޫލް ކުދިން ކިޔަވާ ހިތްވާނެފަދަ ގޮތަކަށް ބަހުގެ މާއްދާ ކިޔައިވައިދިނުމުގެ މުހިއްމުކަން މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ. މިކަން ކުރުމުގައި ތަފާތު އީޖާދުތައް ބޭނުންކުރުމާއި ޒަމާނީ އެކި ވަޞީލަތްތަކުގެ އެހީވެސް ހޯދުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. އަދި މިމަސައްކަތް ކުރެވޭނަމަ ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި ބަހަށް އޮތް ލޯތްބާއި ޝަޢުގުވެރިކަން އުތުރުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ޚިޠާބުގައިވަނީ މީޑިއާތަކާއި ނޫސްވެރިންވެސް ދިވެހިބަހުގެ ހަމަތަކަށް ފެތޭގޮތަށް ޚަބަރު ފެތުރުމަށް ބާރުއަޅުއްވާފައެވެ. ހަމައެއާއެކު ކުޑަކުދިންނާ ވާހަކަދައްކާއިރު މަސްހުނިނުކޮށް ދިވެހިބަހުން ވާހަކަދެއްކެވުމަށްވެސް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ގިނައިން ވާހަކަފޮތް ކިޔައިދީ އެކުދިންގެ ހިތްތަކުގައި ބަހަށް ލޯބިޖައްސަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރުވަނީ ބެލެނިވެރިނަށް އެކަން ކޮށްދެއްވުމަށް އިލްތިމާސްވެސް ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކަނޑައަޅައި ސަރުކާރުންގެންދަނީ ބަސް ދިރުވައި އާލާކުރުމަށް މަސައްކަތްކުރައްވަމުންނެވެ. މިއަހަރު ބަހުގެ ދުވަހުގެ ޝިޢާރަކީ "ބުނާނީ، ލިޔާނީ ދިވެހިބަހުން." މިޝިޢާރެވެ.