ކުޑަކުއްޖަކު ސައިކަލް ވަށި ގަނޑަށް ލައިގެން ދުއްވި ފުލުސް މީހާގެ ލައިސަންސް އެ އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ.
ރިންގު ރޯޑުގައި މިމަހުގެ ތިންވަނަދުވަހުގެ ރޭ ގެ ވަގުތެއްގައި ސައިކަލެއްގެ ވަށިގަނޑަކަށް ތުއްތު ކުއްޖަކު ލައިގެން ދުއްވާފައިދާ ވީޑިއޯ ޝޯޝަލް މީޑިއާގައި އާއްމުވުމުން ގިނަ ބަޔަކު ވަނީ ސައިކަލް ދުއްވަން އިން މީހާއަށް ފާޑުކިޔާފައެވެ. އެ ވީޑިއޯއިން ފެންނަގޮތުން އެ ކުއްޖާ ވަށިގަނޑުގައި ބައިންދާފައިވާއިރު އެ ކުއްޖާ އިނީ އެއްވެސް އަތަކަށް ޖެހިނުލެވޭ ގޮތަށް ވަށިގަނޑުގައި ތާށިވެފައެވެ. ބައެއް ހިސާބުތަކުގައި ހަރުކޮށްފައި ހުރި ސްޕީޑު ބްރޭކަރު މަތިން ސައިކަލު އަރާއިރު ވަށިގަނޑުގައި އިން ތުއްތު ކުއްޖާ މައްޗަށް އަރާ ތިރިވާތަން ވީޑިއޯއިން ފެނެއެވެ.
މި މައްސަލަ ބެލުމަށް ފަހު ފުލުހުންވަނީ ސައިކަލް ދުއްވަން އިން ފުލުސް މީހާގެ ލައިސަންސް އެ އަހަރު ދުވަހަށް ހިފަހައްޓާފައެވެ. އަދި އެ ގޮތަށް ނިންމީ އެއްގަމު ދަތުރުފަތުކުރުމުގެ ޤާނުނުގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން މިދިޔަ މަހުގެ 12 ވަަދުވަހު ތިމަރަފުށީގައި ވޭނަކުން އަންހެނެއްގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެ ވޭން ދުއްވަން އިން މީހާގެ ލައިސަންސްވެސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ޒަހަމްވި އަންހެން މީހާއަށް ރާއްޖެގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގެސް އަންނަނީ ފަރުވާދެމުންނެވެ.
ދާދި ފަހުން ހިނގި ނުރައްކާތެރި ހާދިސާތައް ބަލާ ފުލުހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު ބާރު ސްޕީޑެއްގައި ބްރިޖު މަތިން ދުއްވާދިޔަ ކާރެއް ތޮށި ގަނޑުގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން އެ ކާރު ދުއްވަން އިން ޒުވާނާގެ ލައިސަންސްވެސް ދެ އަހަރު ދުވަހަށް ވަނީ ހިފައްހައްޓާފައެވެ. މި ހާދިސާގައި ކާރު ފުނޑު ފުނޑުވި ނަމަވެސް ކާރުގައި ތިބި ދެ ޒުވާނުނަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފަހަކަށް އައިސް ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ބަލާ ތަހުޤީގުކުރުމަށްފަހު ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. މި ގޮތުން މިފަދަ އެކްސިޑެންޓްތަކުގައި ކުށްވެރިވާ ފަރާތްތަކުގެ ލައިސަންސްވަނީ ހިފަހައްޓާފައެވެ.