ޚަބަރު

3ވަނަ ވެޓަރަންސް ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ކުލަބް ސްޓެޓިކްއަށް


3ވަނަ ވެޓަރަންސް ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ކުލަބް ސްޓެޓިކް ހޯދައިފި. ފަސް ޓީމް ވާދަކުރި މި މުބާރާތުގެ ޗެންޕިއަންކަން ކުލަބް ސްޓެޓިކް ހޯދާފައިވަނީ ޔުނައިޓަޑް ވިކްޓްރީއާއި ވާދަކޮށް ސީދާ ތިން މެޗުންނެވެ.

މެންސް ޑަބަލްސްގެ ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ އާސިފް އާދަމް މަނިކް އާއި ތޯމަސް އެންތަނީގެ ޕެއާރ އާއި ހުސެއިން ރިޔާޒް އާއި އަހުމަދު ސިރާޖްގެ ޕެއާރއެވެ. މިމެޗް އާސިފް އާއި ތޯމަސްގެ ޕެއަރ ކާމިޔާބުކޮށްފައިވަނީ 15-21، 21-12 އަދި 21-10އަކުންނެވެ.

ދެވަނަ މިކްސް ޑަބަލްސް މެޗްގައި ވާދަކޮށްފައިވަނީ އަލީ އަބްދުﷲ އާއި އާމިނަތު ނަސީމްގެ ޕެއަރ އާއި ހުސެއިން ރިޔާޒް އާއި ހުސެއިނާ އަހުމަދު ރިޔާޒްގެ ޕެއާރއެވެ. މިމެޗްގެ އަލީ އަބްދުﷲ އާއި އާމިނަތު ނަސީމް ކާމިޔާބުކޮށްފައިވަނީ 18-21، 21-18 އަދި 21-19އިންނެވެ.

ސީދާ ތިން މެޗުން ސްޓެޓިކް ޗެންޕިއަންކަން ހޯދާފައިވާއިރު އަންހެން ޑަބަލްސް މެޗްގައި ވާދަކޮށްފައިވަނީ އާމިނަތު ނަސީމް އާއި އައިޝަތު ޝަރީފްގެ ޕެއަރ އާއި ކުލްސަމް ޝަރީފް އާއި ނީޒާ ޝަރީފްގެ ޕެއަރއެވެ. މިމެޗް ސީދާ 2 ސެޓުން އާމިނަތު ނަސީމް އާއި އައިޝަތު ޝަރީފް ކާމިޔާބުކޮށްފައިވަނި 21-11 އަދި 21-12އިންނެވެ.

މުބާރާތުގެ ދެވަނަ ޔުނައިޓަޑް ވިކްޓްރީ ހޯދިއިރު، މުބާރާތުގެ ތިންވަނަ ހޯދީ ޓީ ރެކްސްއެވެ.
މިތިން ޓީމްގެ އިތުރުން މިމުބާރަތުގައި ވާދަކޮށްފައިވަނީ އޮރިސް ސްޕޯޓްސް ކުލަބް އާއި ވީ.އައި.ޕީ ސްޕޯޓްސް ކުލަބެވެ.