ވިޔަފާރި

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން އައިލެންޑް އޭވިއޭޝަނުން ހުއްޓާލަނީ!


މިއަހަރު ނިމުމުގެކުރިން އެއްފަހަރު ބޭނުންކޮށް އުކާލާ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް އައިލެންޑް އޭވިއޭޝަނުން އަމާޒު ހިފައިފިއެވެ.

އައިލެންޑު އޭވިއޭޝަނުގެ ނަވާރަވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މި އަމާޒަށް ވާސިލްވުމަށްޓަކައި މިއަދު ވަނީ، އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ބިއްލޫރި ފުޅި އާއި، ގިނަ ދުވަހަށް ބޭނުންކުރެވޭ، ޕްލާސްޓިކް ފުޅި ބަހާފައެވެ.

ޕްލާސްޓިކް ބޭނުންކުރާ އަދަދު މަދުކުރުމަށްޓަކައި އައިލެންޑު އޭވިއޭޝަނުން ވަނީ މުޙިއްމު ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން 2020ވަނަ އަހަރު އަންނަންވާއިރަށް، އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް އައިލެންޑު އޭވިއޭޝަނުން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭގޮތުން އައިލެންޑު އޭވިއޭޝަންގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުގެ ނަވާރަވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، އެކުންފުނިން ނިންމާފައިވާ މި ނިންމުމާއިއެކު، މޯލްޑިިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައްކުރާ ބޯޓުތަކުގައި، އިންފްލައިޓް ކޭޓަރިންއަށް ބޭނުންކުރާ، ޕްލާސްޓިކް އުލާއި، ސަމްސާ ފަދަ ތަކެތި، ލަކުޑިން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަޤްސަދަކީ އަންނަ އަހަރު އަންނަންވާއިރަށް އެއްފަހަރު ބޭނުންކޮށް އުކާލާ ތަކެތި ނައްތާލުން. އެގޮތުން މިއަދު މި ތައާރަފްކުރަނީ ބިއްލޫރި ފުޅިއާއި، ގިނަ ދުވަހަށް ބޭނުންކުރެވޭ ޕްލާސްޓިކް ފުޅި، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކާ ދުރަށް ދިޔުމަށް، އިންޓަރނޭޝަނަލް ސެކްޓަރސްތަކުގައި މިއަދުން ފެށިގެން ބޭނުންކުރަނީ ވުޑުން ކަޓްލަރީ،" ޖެނިފާ ވިދާޅުވިއެވެ.

އައިލެންޑު އޭވިއޭޝަންގެ ނަވާރަވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެކުންފުނިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. މިގޮތުން އެކުންފުނިން ވަނީ މި ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް މިއަދު ފަށާފައެވެ. ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތް ކުރިއަށްދަނީ ތެލެސީމިއާ ސެންޓަރުގައެވެ.