ޚަބަރު

އިސްރާއީލުން ފަލަސްތީނުގެ ކުޑަ ކުއްޖަކު ޝަހީދުކޮށްލައިފި


އިސްރާއީލުން ފަލަސްތީނުގެ ކުޑަ ކުއްޖަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ އެ ކުއްޖާ ޝަހީދުކޮށްލާފައިވަނީ، ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތަކަށް ގޮވާލައި ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި މުޒާހަރާ ކުރަމުން ގެންދާ މީހުންނަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާތަކެއްގައިކަމަށެވެ.

އިސްރާއީލު ސިފައިންގެ ބަޑީގެ ޙަމަލާތަކުގައި ފަލަސްތީނުގެ އިތުރު ބަޔަކު ޒަޚަމްވި ކަމަށާއި،ކަރުނަ ގޭހުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ހާސްވެ، ހޮސްޕިޓަލްތަކަށް ގެންގޮސްގެން ފަރުވާދޭން ޖެހުނުކަމަށްވެސް ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނެއެވެ.

މިދިޔަ ހަފުތާގައިވެސް އިސްރާއީލުންވަނީ ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހައި އޭގެތެރެއިން ދެމީހުން ޝަހީދުކޮށްލާފައެވެ.

ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ފަލަސްތީނުގެ އާންމުން މުޒާހަރާކުރާއިރު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހިމެނޭ ބައެއް ސަރަހައްދުތައް އިސްރާއީލުގެ ސަރަހައްދުތަކުގައި ހަމަޖައްސާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.