ސިޔާސީ

ނިއުޕޯޓު މައްސަލަ، ފަހަތުގައި ކޮންކަމެއް!؟


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ދާ ނުދާ ގޮތް ދުރުން ނަމަވެސް ބަލާލުމަށް ގިނަ ޢަދަދެއްގެ ބަޔަކު އޭރު ދިޔައީ ލޮނުޒިޔާރަތް ކޮޅަށް އެއްވަމުންނެވެ. ބޮޑު ތަކުރުފާނު މަގުން ދުއްވާފައިވާދާ ގިނަ ބަޔަކު ބްރިޖުގެ މަސައްކަތް ދާ ގޮތް ބަލާލުމަށް އެ ސަރަޙައްދުގައި މަޑުކޮށްލައިގެން ތިބޭތީ އޭރުގެ ސަރުކާރުން ނިންމީ އެތަނުގައި ބްރިޖު ވިއު ފެންނާނެ ގޮތަށް ޕްލެޓު ފޯމެއް އަޅާށެވެ. އެ މަސައްކަތް ކުރުމަށްޓަކައި އޭރުގެ ސަރުކާރުން އެތަން ހެދުމަށް ޙަވާލުކުރީ ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ މެންބަރ ޒާހިދު ރަމީދުގެ ޙިއްޞާ އޮންނަ ކަމަށްބުނާ ސްޓްރާޑާ ޕްރައިވެޓު ލިމިޓެޑަށެވެ. އެ ކުންފުންޏަކީ ނިއުޕޯޓު ހިންގާ ކުންފުންޏެވެ.

އެކުންފުންޏާއި މިތަން ހެދުމަށް ޙަވާލުކުރީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހު އޭރުގެ ހައުސިން މިނިސްޓްރީން ކޮށްފައިވާ އިޢުލާނަކާއި ގުޅިގެން ބްރިޖު ވިއު ޕްލެޓު ފޯމް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުން އެންމެ ރަނގަޅު ބިޑެއް އެ ކުންފުނިން ހުށަހަޅާފައިވާތީއެވެ. މި މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ އަމިއްލަ ޚަރަދުގައެވެ.

މި މަޝްރޫޢުގެ ދަށުން ސްޓްރާޑާ ކުންފުނިން ވަނީ އެ ސަރަޙައްދުގައި ބްރިޖު ވިއު ޕްލެޓު ފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯނެއްވެސް ހަދާފައެވެ. މި ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ސްޓްރާޑާ ކުންފުނިންނެވެ. މިތަން ސްޓްރާޑާ ކުންފުނީގެ އަމިއްލަ ޚަރަދުގައި ހެދިއިރު މިތަނުން ކޮންމެ މަހަކުވެސް މަހު ކުއްޔެއް ސްޓްރާޑް ކުންފުނިން ސަރުކާރަށް ދައްކަން ޖެހެއެވެ. އެ ކުލީގެ ތަފްޞީލް ޕީއެސްއެމް ނިއުސްއަށް ވަނީ ލިބިފައެވެ. 2017ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ ތަނަށް ކުލީގެ ގޮތުގައި އެއްލައްކަ ރުފިޔާ ވަނީ ދައްކާފައެވެ. އަދި ހަމަ އެއަހަރުގެ އޮކްޓޯބަރު މަހާއި ހަމައިން ފެށިގެން އެއްލައްކަ ފަންސާސް ހާސް ރުފިޔާ ކުލީގެ ގޮތުގައި ދަޢުލަތަށް ދައްކާފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ދައްކާފައިވަނީ ދެލައްކަ ރުފިޔާއެވެ. އަދި މިއަހަރުގެ މާޗާއި ހަމައަށް އެތަނުގެ ކުލީގެ ގޮތުގައި ދެލައްކަ ފަންސާސް ހާސް ދަޢުލަތަށް ސްޓްރާޑާ ކުންފުނިން އައީ ދައްކަމުންނެވެ. މި މަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ހަމައަށް ތިންލައްކަ ރުފިޔާ ދައްކަންޖެހޭއިރު އޮކްޓޯބަރު މަހުން ފެށިގެން އެތަނުގެ ކުލީގެ ގޮތުގައި ތިންލައްކަ ފަންސާސް ހާސް ރުފިޔާ ދައްކަންޖެހެއެވެ.

މިތަނުގެ ކުއްޔާއި ގުޅޭގޮތުން އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒާހިދު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވީ އެތަނުގެ އެވްރެޖު ކުއްޔަކީ ދެލައްކަ ފަންސަވީސް ކަމަށެވެ.

އެ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ދަނިކޮށް ދެން ފެނިގެން ދިޔައީ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ ޗާޓައިމް ކިޔާ ތަނެއް އެތަނުގައި ހުޅުވިގެން ދިޔަ މަންޒަރެވެ. އަދި ދުވަސްތަކެއް ވަންދެން އެތަނުގެ ޚިދުމަތް ދެމުން ދިޔައެވެ.

ނަމަވެސް ވަކި ހިސާބަކުން ފެނިގެން ދިޔައީ ޗާޓައިމް ހުރި ތަން ތަޅާލި މަންޒަރެވެ. ބޭރުގެ ފްރެންޗައިޒެއް ކަމަށްވާ ޗާޓައިމް ތަޅާލީ، އެނގިފައިވާ ގޮތުގައި، ކޮންސަލްޓަންޓު ލަފާ ދިން ގޮތަށް، އެތަނާ ހެދި ބޮޑުތަކުރުފާނުމަގު ފުޅާކުރެވެން ނެތިގެންނެވެ. އެތަން ތަޅާލާ ގޮތަށް ކުރިން ނިންމާފައި ނުވި ނަމަވެސް ބްރިޖަށް ދަތުރުކުރާ މަގުތައް ފުޅާކުރަން ބެލިއިރު، އެކަށީގެންވާ ޖާގަ ލިބެން އޮތީ އެތަން ތަޅާލައިގެންނެވެ.

"އަޅުގަނޑުމެން ދެންނެވިން ވަރަށް ބޮޑު މަސައްކަތެކޭ އަޅުގަނޑުމެން ކޮށްފައި އެވަނީ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނޭ. އެހެން ބުނީމަ ސަރުކާރުން ބުނީ އެ ނޫން ގޮތެއް ނެތޭ. އެތަން ހުސްކުރަން ޖެހެއޭ. އެކަމަކު އަޅުގަނޑުމެންނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 14.3 މިލިއަން ރުފިޔާ ދިނުމަށް އޭރު ސަރުކާރުން ނިންމީ. އެކަމަކު އޭސީސީގެ އެންގުމަކަށް އަދި އެ ފައިސާ ދުލެއް ނުކުރޭ،" ޒާހިދު ވިދާޅުވިއެވެ،

ކަން މިހެން އޮވެމެ، ކުރީގެ ސަރުކާރު ރިޔާސީ އިންތިޚާބުން ބަލިވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އެންމެ ފުރަތަމަވެސް ފެއްޓެވި މަސައްކަތަކީ ކޮޕަރްޝަނަށް މަގުފަހިވާ ގޮތަށް ދޫކޮށްފައިވާ ތަންތަނުގެ މައްސަލަތައް ބަލާ ތަޙުގީގު ކުރުމެވެ. އޭގެތެރެއިން ހިލިގެން ދިޔައީ ނިއުޕޯޓުގެ މައްސަލައެވެ.

ލޮނުޒިޔާރާތްކޮޅު ތަރައްގީ ކުރުމަށް، ބްރިޖު ޕްލެޓްފޯމާއެކު އެ ސަރަހައްދުގައި ހިންގަމުންދާ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގާ ބިން ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީން ސްޓްރާޑާ ކުންފުންޏަށް އެންގިއެވެ. ނޯޓިސްގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެތަން ހުސްކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދުގެ މިވަގުތާއި ހަމައަށްވެސް އެތަނުގައި އަންނަނީ ނިއުޕޯޓު ރެސްޓޯރެންޓުން ޚިދުމަތް ދެމުންނެވެ. އެތަން ހުސްކުރުމުގެ "ވިސްނުމެއް" ވެސް އެތަނަކުން ނުގެންގުޅޭ ކަހަލައެވެ.

ނިއުޕޯޓު ހިންގާ ބިމާއި އެކުފުންނިން ތަރައްޤީ ކޮށްފައިވާ ބްރިޖު ވިއު ޕްލެޓު ފޯމްގެ ބިން ވީ އެންމެ އަވަހަކަށް ހުސްކުރުމަށް ދިން ނޯޓިސްއާ އެއްގޮތަށް އަމަލު ނުކުރުމުން ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައިސް ނޫސްތަކުގެ ފަލަ ސުރުޙީގައި އެކަން ލިޔެވިގެން ދިޔައެވެ. އަދި އަޑު އިވިގެން ދިޔައީ ނިއުޕޯޓު ހިންގާ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޕީޕީއެމް ކައުންސިލްގެ ކުރީގެ މެންބަރ ޒާހިދު ރަމީޒާއި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރ މުޙައްމަދު އަސްލަމާއި ދެބޭފުޅުން ގާތް ގުޅުމެއް ބާއްވާ ވާހަކައެވެ.

ނަމަވެސް އަސްލަމް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ނިއުޕޯޓާއިވެސް އަދި ނިއުޕޯޓު ހިންގާ ކުންފުންޏާއިވެސް އޭނާގެ އެއްވެސް މަސްލަހަތެއް އޮތް ތަނެއް ނޫނެވެ. އަދި ގާނޫނާއި ގަވާއިދާއި ޚިލާފަށް އެއްވެސް މީހަކަށް އެއްވެސް މަންފާއެއް ހޯދައި ދިނުމަކީ އަދި ނުހައްގުން އެއްވެސް މީހެއްގެ އަތުން އެއްވެސް އެއްޗެއް ނިގުޅައި ގަތުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޒާހިދާއި އަސްލަމްގެ ގާތް ގުޅުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތައް ޒާހިދުވެސް ވަނީ ދޮގު ކުރައްވާފައެވެ. ޒާހިދު ވަނީ އަސްލަމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލީހަށް ވުރެވެސް ބާރުގަދަ ބޭފުޅެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ޞާލިހު ވަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިންވެސް ބޭރުންވިއަސް އަޅާނެ ފިޔަވަޅެއް އެޅުމަށް ޒާހިދު ވަނީ ގޮވާލައިފައެވެ. އިތުރަށް ޒާހިދު ބުނީ މިއޮށް ހުރިހާ ދުވަހު ނިއުޕޯޓަކީ ކުރީގެ ރައީސް ޔާމީނުގެ ތަނެއް ކަމަށް ބުނަމުން ދިޔަ ކަމަށާއި ފަހުން އެއީ ގައްސާން މައުމޫންގެ ތަނެއް ކަމަށް ބުނަމުން ދިޔަ ކަމަށެވެ. އަދި މި ސަރުކާރުގައި އެއީ އަސްލަމްގެ ތަނެއް ކަމަށް ބުނަމުންދާއިރު މާދަމާ އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހިއްސާ އޮންނަ ތަނެއް ކަމަށް ބުނަމުންދާނެ ކަމަށެވެ.

މިއަދާއި ހަމައަށްވެސް ނިއުޕޯޓު ހުސް ކުރެވިފައި ނުވާއިރު އެ ބިން ހުސްނުކުރި ކަމުގައި ވިޔަސް، އެތަން ހުސްކުރަން ސިޓީ ކައުންސިލު އޮތީ ތައްޔާރަށެވެ. ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ ވިދާޅުވީ އެތަން ހުސް ކުރުމަށް ސިޓީ ކައުންސިލަށް އެންގިހާ އަވަހަށް އެތަން ސިޓީ ކައުންސިލުން ހުސްކުރާނެ ކަމަށާއި އެކަމަށް އެ ކައުންސިލުން އޮތީ ތައްޔާރަށް ކަމަށެވެ.