ސިޔާސީ

ފިއްލަދޫ ބައި އިލެކްޝަންގެ ދެ ގޮނޑިވެސް އެމްޑީޕީން ކާމިޔާބުކޮށްފި


ހއ. ފިއްލަދޫ ކައުންސިލްގައި ހުސްވެފައިވާ ދެ ގޮނޑިއަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގެ ދެ ގޮނޑިވެސް އެމްޑީޕީން ވާދަކުރެއްވި ދެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފިއެވެ.

އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި އެކު އިންތިޚާބުގައި ދެން ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނެވެ. ފިއްލަދޫ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 352 ވޯޓާއެކު، އެެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، އަމްދުﷲ ރިޔާޟް އަށެވެ. އޭނާއާއެކު ދެން އިންތިހާބު ކާމިޔާބު ކުރެއްވި،މުހައްމަދު ޝިޔާދަށް ލިބިވަޑައިގަތީ 289 ވޯޓެވެ. ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވީ މުހައްމަދު މޫސާއާ މަރިޔަމް ޒޫނާއެވެ. މުހައްމަދު މޫސާއަށް ލިބިވަޑައިގަތީ 283 ވޯޓެވެ. މަރިޔަމް ޒޫނާއަށް ލިބިވަޑައިގަތީ 184 ވޯޓެވެ.

ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން ބާއްވަނީ އެރަށު ކައުންސިލްގައި ތިއްބެވި ތިން މެމްބަރުންގެ ތެރެއިން ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ޖައުފަރާއި ކައުންސިލް މެންބަރު މުޙައްމަދު ނާފިއު އިސްތިއުފާ ދެއްވާފައިވާތީއެވެ. ފިއްލަދޫ ކައުންސިލް ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ، 783 މީހުންނެވެ. މިއަދުގެ އިންތިހާބުގައި ވޯޓު ލާފައިވަނީ 575 މީހުންނެވެ.