ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ރާއްޖޭގައި މިހާތަނަށް 3 ރިޔާސީ އިންތިޚާބަކާއި 3 މަޖިލިސް އިންތިޚާބެއް ވަނީ ބޭއްވިފައެވެ. އިންތިޚާބުތަކުގައި އަބަދުވެސް ކޯލިޝަންތަކާއި ވަކި ވަކި ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، މީގެ ތެރެއިން ކޮންމެ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބުކޮށްފައިވަނީ ކޯލިޝަނެއްގެ ތެރެއިން ވާދަކުރާ ކެނޑިޑޭޓުންކަން ފާހަގަކޮށްލެވެއެވެ. އަދި މިހާތަނަށް ބޭއްވުނު 3 މަޖިލިސް އިންތިޚާބު ތެރެއިން 2 އިންތިޚާބެއްގެ މެޖޯރިޓީވެސް ހޯދާފައިވަނީ ކޯލިޝަނަކުން ވާދަކުރި ކެނޑިޑޭޓުންނެވެ.
ނަމަވެސް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފާހަގަކޮށްލެވޭނެ އިންތިޚާބެކެވެ. އެގޮތުން މިއިންތިޚާބަކީ ކޯލިޝަނަކާއި ނުލައި، އެއް ޕާޓީއަކުން ނިކުމެ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދި ފުރަތަމަ ފަހަރެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ދެން އެންމެ ގިނައިން ގޮނޑި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއަށްވެސް ލިބިފައިވަނީ 6 ގޮނޑިއެވެ.
އެމްޑީޕީން ހޯދި ތާރީޚީ ކާމިޔާބީއަށް ވާސިލުވުމަށް އެޕާޓީން ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކޮށްލެވެއެވެ. އިންތިޒާމްތަކެއްގެ ތެރެއިން ރޭވިގެން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގުމަކީ އޭގެ ތެރެއިން އެއް މަސައްކަތްތަކަށް ގިނަ ބަޔަކު ދެކެއެވެ. އެހެން ޕާޓީތަކުން މާބޮޑު މަސައްކަތެއް ނުކޮށް ތިއްބާ، ޕްރައިމަރީ ބާއްވާ، ޕާޓީގެ އާއްމު މެމްބަރުން ހަރަކާތްތެރިކޮށްލުން ވެގެންދިޔައީ، އެމްޑީޕީން ކުރި ކެމްޕެއިނާ ގާތަށްވެސް އެހެން ޕާޓީތަކަށް ކެމްޕެއިން ނުކުރެވުނު މައިގަނޑު ސަބަބެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެމްޑީޕީން ކެމްޕެއިންތައް ކުރިއަށްގެންދިޔައިރު، އެހެން ޕާޓީތަކުގެ ހިލަމެއްވެސް ނުވާ ސަރަޙައްދުތައް ހުރިކަން ފާހަގަކޮށްލެވެއެވެ.
ކޮންމެއަކަސް މިފަހަރުގެ މަޖިލިސް އިންތިޚާބަކީ އެކި ގޮތްގޮތުން އެމްޑީޕީއަށް ޚާއްސަވާނެ އިންތިޚާބެކެވެ. އެމްޑީޕީން 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިނަމަވެސް، އެއާ ވިދިގެން ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން މިއީ ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރުމަށްފަހު، އެއާ ވިދިގެން ބޭއްވި މަޖިލިސް އިންތިޚާބެއް އެމްޑީޕީން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މަޖިލިސް އިންތިޚާބުގެ ކާމިޔާބީގައި އެމްޑީޕީގެ ހަރަކާތްތެރި މެމްބަރުންގެ މަސައްކަތުގެ އިތުރުން، ޕާޓީގެ ލީޑަރޝިޕުގެ، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަން ފާހަގަކޮށްލެވެއެވެ. ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެން، އެކޯލިޝަން އެގޮތުގައި ބާއްވައިގެން މަޖިލިސް އިންތިޚާބެއް ނިންމާލެވޭނީ ހަމަޤައިމުވެސް ސިޔާސީ ގޮތުން ވިސްނުންތެރިކަމާއެކު މަސައްކަތްތަކެއް ކޮށްގެނެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެމްޑީޕީގެ ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ އިސްބޭފުޅުން ބަހުގެ ހަމަލާތައް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކުރަމުން ދިޔަތަން ފެނިގެން ދިޔައެވެ. ޚާއްސަކޮށް އެމްޑީޕީގެ ލީޑަރާއި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ދެމެދުގައި ވަރަށް ބޮޑު ހިތްހަމަނުޖެހުމަކާއި ނުތަނަވަސްކަން އޮތްކަން، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ފޮނުވަމުންދިޔަ ބަހުގެ ހަމަލާތަކުން ހާމަވެއެވެ. އެބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ޢާއްމު މެމްބަރުންގެ މެދުގައިވެސް މިފަދަ ބަހުގެ ހަމަލާތައް ދެމުންދިޔަކަން ފާހަގަކޮށްލެވެއެވެ. އެކަމުގެ ސަބަބުން ވެރިކަންކުރާ ކޯލިޝަންގެ ތެރޭގައި މައްސަލަ ޖެހިފައިވާކަމަށާއި އަދި ކޯލިޝަން ރޫޅިފައިވާކަމަށް ވާހަކަތައް ފެތުރުނެވެ.
ނަމަވެސް އެފަދަ ހުރިހާ ވާހަކަތަކެއް ދޮގުކުރައްވާ، ކޯލިޝަން އެގޮތުގައި ދެމި އޮންނާނެކަމަށް ބުނެ ރައީސް ޞާލިހު ދެއްވި ހިތްވަރާއި އުއްމީދަކީ މަޖިލިސް އިންތިޚާބުގައި ރައްޔިތުންގެ ބޮޑު އަޤްލަބިއްޔަތެއް ރައީސް ޞާލިހު ތާޢީދުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ލިބުނު މައިގަނޑު ސަބަބުކަމަށް ގިނަ ބަޔަކު ދެކެއެވެ. އަނެއްކޮޅުން އެއްވެސް ބޭފުޅެއްގެ ފާޑު ކިޔުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް އަމާޒު ނުވާއިރު، އެމަނިކުފާނުވެސް ކެމްޕެއިންގެ ތެރޭގައި އެފަދަ އަމަލެއް ހިންގަވާފައި ނުވާކަމީ ކޯލިޝަން ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ރައީސް ޞާލިހުއަށް އޮތް ތާޢީދާއި އިޚްތިރާމް އިތުރުވެގެންދިޔަ ކަމެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމުގައި އެމްޑީޕީން ކުރި ވަރުގަދަ ކެމްޕެއިންގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެންގުޅުއްވި ޚިކުމަތްތެރިކަމާއި ވިސްނުންތެރިކަމަކީ މިފަދަ ބޮޑު ކާމިޔާބީއެއް އެމްޑީޕީއަށް ލިބުމުގެ މައިގަނޑު ސަބަބުކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.