ދުނިޔޭގެ އިޤްތިޞާދު މިއަހަރު ކުރިއަރާނެކަމަށް އަންދާޒާކުރާ މިންވަރު އައި.އެމް.އެފްއިން އަނެއްކާވެސް ދަށްކޮށްފިއެވެ.
ދުނިޔޭގެ އިޤްތިޞާދަށް އަންނާނެ ބަދަލުތައް ލަފާކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްއިން ނެރެފައިވާ ވޯލްޑް އިކޮނޮމިކް އައުޓްލުކްގައި މިއަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ 3.3 އިންސައްތައެވެ. މިއީ 2009 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމަށްފަހު އިޤްތިޞާދު މިވަރަށް މަޑު ޖެހުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ މިދިޔަ 6 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް އައި.އެމް.އެފްއިން އަންދާޒާކުރި މިންވަރު ދަށްކުރި 3 ވަނަ ފަހަރުވެސްމެއެވެ.
ދުނިޔޭގެ އިޤްތިޞާދު 3.3 އިންސައްތަ ކުރިއަރާނެކަމަށް އައި.އެމް.އެފްއިން ލަފާކޮށްފައިވާއިރު، އައި.އެމް.އެފުން ޖެނުއަރީމަހު ނެރުނު ރިޕޯޓެއްގައި ލަފާކުރީ ދުނިޔޭގެ އިޤްތިޞާދު މިއަހަރު 3.5 އިންސައްތަ ކުރިއަރާނެކަމަށެވެ.
އައި.އެމް.އެފްއިން ބުނާގޮތުން ދުނިޔޭގެ އިޤްތިޞާދު 3.3 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރިޔަސް، ދުނިޔޭގެ ބައެއް އިޤްތިޞާދުތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އެއަދަދު ދަށްވުމަކީ އަދިވެސް އެކަށީގެންވާކަމެއްކަމަށެވެ. މިގޮތުން ޗައިނާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރާ މިންވަރަށް ކުރި ނޭރުމާއި އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މައްސަލައިން ކުރިމަތިވެދާނެ ކަންކަމުން ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާނެކަމަށް އައި.އެމް.އެފްއިން ލަފާކުރެއެވެ. އެހެންކަމުން ސަރުކާރުތަކުންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުން އިޤްތިޞާދަށް ގެއްލުމެއް ކުރިމަތިނުވާނެފަދަ ގޮތަކަށް، ގުޅިގެން މަސައްކަތްކުރުން މުހިއްމުކަން އައި.އެމް.އެފްއިން ފާހަގަކުރެއެވެ.
މިއަހަރު ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރު ދަށްވި ނަމަވެސް، ބައެއް މަރުކަޒީ ބެންކުތަކުގެ ސިޔާސަތަށް ގެނެސްފައިވާ ބަދަލުތަކުން މިއަހަރުގެ ފަހުކޮޅު ދުނިޔޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެކަމަށްވެސް އައި.އެމް.އެފްއިން ލަފާކުރެއެވެ. އަދި އަންނަ އަހަރު ދުނިޔޭގެ އިޤްތިޞާދު 3.3 އިންސައްތައިން 3.6 އިންސައްތައަށް ކުރިއަރާނެކަމަށްވެސް އައި.އެމް.އެފްއިން އަންދާޒާކުރެއެވެ. އަދި 2020 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އިޤްތިޞާދު އެއްވަރެއްގައި، 3.5 އިންސައްތައިގައި ހިފެހެއްޓޭނެކަމަށްވެސް އައި.އެމް.އެފްއިން އަންދާޒާކުރެއެވެ.