ޚަބަރު

އަނިޔާގައި ހުރުމަކީ ވަރަށް ބޮޑަށް މާޔޫސްވާ ކަމެއް - ހެރީ ކޭން


އަނިޔާވި ޓޮޓްނަމް އަދި އިނގެރޭސި ފޯވާޑް ހެރީ ކޭންއަށް މިއީ އުނދަގޫ ވަގުތެއް ކަމަށާއި އޭނާ ހުރީ ވަރަށް މާޔޫސް ވެފައިކަމަށް ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގްގައި މެންޗެސްޓަރ ސިޓީ ބަލިކުރި މެޗްގައި އަނިޔާވި ކޭން އަށް މި ސީޒަނާ އަލްވަދާއު ކިޔަން ޖެހުން ގާތެވެ. ޕޮޗެޓީނޯ ބުނީ ކޭން މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށާއި، ސްކޭންތަކަށްފަހު އަންނަ ހަފްތާ ހާއްސަ ޑޮކްޓަރަކަށް ދައްކާނެ ކަމަށެވެ.

ކޭންއަށް މި ސީޒަންގައި ކުޅޭވޭނެ ކަމާމެދު އުފެދިފައިވާ ސުވާލަށް ޖަވާބެއް ލިބޭނީ އޭރުން ކަމަށް ކޯޗް ބުންޏެވެ. ކޭންއަކީ ވަރަށް ޕޮސިޓިވް ޝަހުސިއްޔަތެއްގެ ވެރިއެއް ކަމަށާއި، މާޔޫސް ވެފައި ހުރި ނަމަވެސް ވީހާވެސް އަވަހަކަށް ރަނގަޅުވުމަށް ކޭން މަސައްކަތް ކުރާނެ ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.

ބުރާސްފަތި ދުވަހު ޗެމްޕިއަންސް ލީގްގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގްގައި މެންޗެސްޓަރ ސިޓީއާ ކުރިމަތި ލާއިރު ކޭން އަނިޔާގައި ހުރުމަކީ ޓޮޓްނަމަށް ކުރިމަތިވެފައިވާ ކަންބޮޑުވުމެކެވެ. ނަމަވެސް އަނިޔާގައި ހުރި ޑެލެ އަލީ އެ މެޗަށް ފިޓްވާނެ ކަމަށް ބެލެވެއެވެ.