ޚަބަރު

ޑިލައިޓް ދާނީ ބާސެލޯނާ ނުވަތަ ބަޔާން އަށް - އެރިކް ޓޭން ހަގް


އަޔެކްސްގެ އުއްމީދީ ޑިފެންޑަރު މަތިއަސް ޑިލައިޓް އަންނަ ސީޒަނުގައި ކުޅޭނީ ސްޕޭނުގެ ބާސެލޯނާ ނުވަތަ ޖަރުމަނުގެ ބަޔާޏް މިއުނިކަށް ކަމަށް އޭނާގެ ކުލަބުން ބުނެފި އެވެ.

އަޔެކްސްގެ ކޯޗު އެރިކް ޓޭން ހަގް ބުނީ ޑިލައިޓް އަޔެކްސްގައި ހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއްނެތް ކަމަށެވެ. ސަބަބަކީ 19 އަހަރުގެ ކެޕްޓަން ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތް ކުރަމުންދިއުމެވެ. މީގެ ތެރޭގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ވެސް ހިމެނެ އެވެ.

ނަމަވެސް އޭނާއާއެކު އަޔެކްސް އަށް ކުޅޭ ފްރޭންޑް ޑިޔޮންގް ބާސެލޯނާ އަށް ބަދަލުވެފައިވާތީވެ ޑިލައިޓް ވެސް ފެނުން ގާތީ އެ ޓީމުން ކަމަށް ކޯޗު ގަބޫލުކުރެ އެވެ.
ނެދަލޭންޑްސްގެ މަޝްހޫރު ކޯޗު ލުއިސް ވެންހާލް ބުނީ އޭނާގެ ނަޒަރުގައި ޑިލައިޓް ދާންވީ ބާސެލޯނާ އަށް ކަމަށެވެ.

"އިޓަލީގައި ޑިފެންޑަރުންގެ މާސްޓަރުން އެބަތިބި. ސްޕޭނުގައި މޮޅު ޑިފެންޑަރުންނެއްނެތް. މިހެންވީމަ އޭނާ އަށް އެތަނަށް ގޮސް މާމޮޅަށް ކުޅެވޭނެ. އަހަރެން ދެކޭ ގޮތުގައި އޭނާ އަށް އެންމެ ކަމުދަނީ ބާސެލޯނާ،" ބާސެލޯނާ އާއި ބަޔާން އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ބުންޏެވެ.