ޚަބަރު

ސްލިންގްޝޮޓްގެ ރާއްޖޭގެ ރެޕްރެޒެންޓޭޝަން 16 އަހަރުގެ ހަންޓޭއަށް


ދުނިޔޭގެ މަޝްހޫރު ކައިޓް ބްރޭންޑް ސްލިންގްޝޮޓްގެ ރާއްޖޭގެ އެމްބެސެޑަރަކަށް ޒުވާން ކައިޓް ބޯޑަރު ހަސަން މާހިރު (ހަންޓޭ) ހަމަޖައްސައިފިއެވެ.

ކައިޓް އުފައްދާ ކުންފުނި ސްލިންގްޝޮޓުން 16 އަހަރުގެ ހަންޓޭ ސްޕޮންސަރ ކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ސްލިންގް ޝޮޓުން ހަންޓޭއަށް ކައިޓް ބޯޑިން އަދި ސާރފިންގގެ ސާމާނުގެ އިތުރުން ހުނަރު ތަރައްގީ ކުރުމަށް ތަމްރީންތައްވެސް ހޯދައިދެވޭނެއެވެ.

ސްލިންގްޝޮޓްގެ ފަރާތުން ވާހަކަދައްކަމުން އާސިމް މުހައްމަދު (ސިމްބެ) ބުނީ މި ފުރުސަތާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ތަމްރީނުވުމުގެ ފުރުސަތު ހަންޓޭއަށް ލިބިގެންދާނެ ކަމަށެވެ. އަދި ހާއްސަކޮށް އަހަރަކު އެއްފަހަރު ދުނިޔޭގެ ކައިޓްބޯޑިންގް ޗެމްޕިއަނަކާއެކު ތަމްރީނުވުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށާއި މީގެ އިތުރުންވެސް ބޭރުގެ އެތްލީޓުން ރާއްޖެ ގެނަސް ހަންޓޭއަށް އެންމެ ފެންވަރު ރަނގަޅު ތަމްރީނު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.
އަދި ބޭނުމަކީ ހަންޓޭ މެދުވެރިކޮށް ވީހާވެސް ގިނަ ޒުވާން ކުދިން މި ކުޅިވަރުގެ ތެރެއަށް ވަނުން ކަމަށްވެސް އާސިމް ބުންޏެވެ.

"އެޓް ލީސްޓް އަހަރަކު ޓްރެއިނިން ދާނެ ވަރލްޑް ޗެމްޕިއަން ކައިޓް ދުއްވާ މީހަކާއެކީ، އޭގެ އިތުރަށްވެސް ހަންޓޭގެ އެހެން ޓްރެއިނިންގް ތަކަށް ރާއްޖޭގެ އެކި ތަންތަނަށް ގެންގޮސް ޓްރެއިން ކުރުމާ ދެން އަޅުގަނޑުމެންނަށް ދެވެން ހުރި އެންމެ ރަނގަޅު ޓްރެއިނިންގއާ އޭގެ އިތުރަށް ރާއްޖެއިން ބޭރުން އެތްލީޓުން ގެނެސްވެސް ހަންޓޭއަށް ޓްރެއިނިންގް ދެވިގެންދާނެ" އާސިމް ބުންޏެވެ.

ކުޑައިރުއްސުރެ މޫދުކުޅިވަރުގެ ތެރެއިން ބޮޑުވި ހަންޓޭ މި ފުރުސަތު ފާހަގަކުރީ އޭނާގެ ހަޔާތުގައިވެސް ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ގޮތުގައެވެ. ހަންޓޭ ބުނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބްރޭންޑަކުން ސްޕޮންސަރޝިޕް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ވަރަށް އުފާވެއްޖެ އަސްލު ހަޔާތުގަވެސް އައި އެންމެ އުފާވެރި ދުވަސް މިއަދަކީ މިއީ، މި ކަހަލަ ދުނިޔޭގަ ބޮޑު ކުންފުންޏަކުން ސްޕޮންސަރ ކުރީމަ" ހަންޓޭ ބުންޏެވެ.
މި ދާއިރާއަށް ޝައުގުވެރިވާ ޒުވާން ކުދިންވެސް ކެރިގެން ނުކުމެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ހަންޓޭ ދިނެވެ.