ސިޔާސީ

ފިއްލަދޫ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓްލުން ފަށައިފި


ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

ފިއްލަދޫ ކައުންސިލް ބައިި-އިލެކްޝަންސްގެ ވޯޓްލުން ކުރިއަށް ދާނީ ހެނދުނު އަށަކުން ފެށިގެން ހަވީރު 4:00 ހަމައަށެވެ. މި ބައި-އިލެކްޝަންގެ ވޯޓުލުން ފިއްލަދޫގައި ކުރިއަށް ދަނީ އެރަށު ސްކޫލުގައެވެ. އަދި މާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންތިޚާބީ މައި މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.

ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން ބާއްވަނީ އެރަށު ކައުންސިލްގައި ތިއްބެވި ތިން މެމްބަރުންގެ ތެރެއިން ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ޖައުފަރާއި ކައުންސިލް މެންބަރު މުޙައްމަދު ނާފިއު އިސްތިއުފާ ދެއްވާފައިވާތީއެވެ.

ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް ޖުމްލަ ހަތަރު ކެނޑިޑޭޓުން ވާދަ ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ދެ ކެނޑިޑޭޓަކާއި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ދެ ކެނޑިޑޭޓެކެވެ.

އާބާދީގައި 1118 މީހުން ހިމެނޭ ފިއްލަދޫގެ ބައި-އިލެކްޝަންގެ ވޯޓާރސް ލިސްޓް ދައްކާ ގޮތުން 783 މީހުންނަށް މިފަހަރުގެ އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްޤު ލިބިގެންވެއެވެ.