ޚަބަރު

ފަސްޓް ރެސްޕޮންޑަރ މޮޓޯ ސައިކަލްގެ ޚިދުމަތް ދިނުމަށް އޭޑީކޭ ތައްޔާރުވެއްޖެ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަސްޓް ރެސްޕޮންޑަރސް ސަރވިސްގެ ދަށުން ސައިކަލު ބޭނުން ކުރަން އޭޑީކޭއިން ތައްޔާރުވެއްޖެއެވެ. މިޚިދުމަތް ލޯންޗުކޮށްފައިވަނީ ދުނިޔޭގެ ސިއްޙަތު ދުވަހާގުޅިގެން ބޭއްވި ޙަރަކާތެއްގައެވެ.

މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އެކްސިޑެންޓެއް މެދުވެރިވެއްޖެނަމަ އަވަސް ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުމާ ކުރިމަތިލާންޖެހިފައިވާއިރު އޭޑީގެ ފަސްޓް ރެސްޕޮންޑަރ މޮޓޯ ސައިކަލްގެ ޚިދުމަތުގެ މަޤުސަދަކީ މިކަން ޙައްލުކުރުންކަމަށް އެފަރާތުން ވިދާޅުވެއެވެ. މިޚިދުމަތާއެކު އެމްބިއުލެންސްގެ ޚިދުމަތަށް އެދި އޭޑީކޭއަށް ގުޅުމުން ފުރަތަމަ ޙާލަތު ވަޒަންކުރުމަށް އެއްކުރާ މަޢުލޫމާތާއެކު އެސަރަޙައްދަކަށް އެންމެ އަވަސް ޚިދުމަތް ދިނުމަށް ޕެރަމެޑިކްސް ނުވަތަ އެކަމަށް ޓްރެއިން ކުރެވިފައިވާ މީހަކު އެފަދަ ޙާލަތަކަށް ބޭނުންވާ ވަޞީލަތްތަކާއެކު އެސަރަޙައްދަކަށް ދާނެކަމަށް އޭޑީކޭއިން މަޢުލޫމަތު ދެއްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްއާލް ވިދާޅުވީ މިޚިދުމަތް ފެށުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތަކުގައި ފަރުވާ ދިނުން އަވަސްވެގެން ދިޔުމާއި ވަގުތު ސަލާމަތްކުރެވި ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު މީގެ ސަބަބުން އިތުރުވެގެންދާނެކަމަށެވެ.

އޭޑީކޭއިން މިޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު މިކަމުގައި ބޭނުންކުރާނީ މިކަމަށް ޚާއްސަކޮށް ތަމްރީނުކޮށްފައިވާ މީހުންކަމަށް އޭޑީކޭއިން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ޚިދުމަތް ފަށައިގަތުމާއެކު ވަރަށް ގާތުން މިކަން ބަލަމުން ގެންދާނެކަމަށްވެސް އޭޑީކޭއިން ވިދާޅުވެއެވެ.