ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ - މުޅި ދުނިޔެއަށް މިސާލެއް!


ރާއްޖޭގެ އިޤްތިސާދަށް ބޮޑު އިންޢިލާބެއްއައީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމާއެކުއެވެ. 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެހެން ނަމަވެސް 1972ވަނަ އަހަރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމުން ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދިޔައީ އަވަސް ބޮޑު ކުރިއެރުމެކެވެ.

އެއަހަރު ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްވެގެން ދިޔައިރު އެ ސިނާއަތް ރާއްޖޭގައި ކާމިޔާބް ކަމާއި އެކު ހިގައިގަންނާނެ ކަމާމެދެ އޮތީ ސުވާލު އުފެދިފައެވެ. އެހެން ނަމަވެސް ފާއިތުވީ ސާޅީހަކަށް އަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު ބްރޭންޑުގެގޮތުގައި މަޝްހޫރުވެފައެވެ.

ރާއްޖޭގައި މިހާރު ސަތޭކަ އަށްވުރެ ގިނަ ރިސޯޓް އޮތްއިރު، ލޯކަލް ޓޫރިޒަމް ވެސް ރާއްޖޭގައިވަނީ ކުރުމުއްދަތެއްގެ ތެރޭގައި ހީވެސް ނުކުރާ މިންވަރަކަށް ފުޅާވެެގެން ގޮސްފައެވެ. ބައިނަލްއަޤްވާމީ މަތީ ފަންތީގެ އެތައް އެވޯރޑްތަކެއް ރާއްޖޭއަށާއި، ރާއްޖޭގެ ރިސޯޓްތަކަށް ދަނީ ލިބެމުންނެވެ. މިއާއެކު ބޭރުގެ މީޑިއާތަކާއި މަޝްހޫރު މީހުންގެ މެދުގައި ރާއްޖެވަފައިމިވަނީ "ފޭވަރިޓަކަށެވެ."

ފަތުރުވެރިކަމުގައި ރާއްޖެފަދަ މަންޒިލްތަކަށްވުމަށް ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކިހިސާބުތަކުގައި "މޯލްޑިވްސް" ސިފަވާ ފަދަ ގޮތްގޮތަށް ރިސޯޓްތަށް ތަރައްޤީކުރުން މިހާރު މިވަނީ ޢާއްމުވެފައެވެ. ބޮޑު ޚަރަދުތަކެއްކޮށްގެން އިންވެސްޓަރުން ކުރާ މި މަސައްކަތަކީ އޭގެން މަންފާ ލިބޭނެކަމަށް ލަފާކޮށްގެން ކުރާ މަަސައްކަތްތައްކަން ޔަޤީނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ފާހަގަކޮށްލެވެނީ ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމެކެވެ. ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، ބަލާ ފޫހިނުވާފަދަ މޫދުގެ އެކި ކުލަތަކެވެ. އަދި މޫދު ކޮޓަރިތަކުގެ ހިތްފަސޭހަ ކަމަކީވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލުކަން އިތުރުވެގެންދާ ކަންތައްތަކެވެ.

މޯލްޑިވްސް މިހާރު ބްރޭންޑަކަށްވެފައިވާއިރު، ދުނިޔޭގެ މަޝްހޫރު "ސެލެބުރިޓީސް"ގެ މެދުގައި ރާއްޖެއާއި މެދު އޮންނަ މަޤްބޫލްކަން ވެފައިވަނީ ރާއްޖެ އިތުރަށް މަޝްހޫރުވެގެންދާ ކަމެއްގެގޮތުގައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ދިގު ދަތުރުތައް ކޮށްފައިވާ ރާއްޖެއަށް މި "ސެލެބްރިޓީސް" އަންނާނީ ރާއްޖެ ފަދަ ދެވަނައެއް ނެތުމުންކަން ޔަޤީނެވެ.